ގާތްތިމާގެ މީހުން ތިބާއާ ގުޅުން ނުބޭއްވިޔަސް، ތިބާ އެމީހުންނާ ދުރަށް ނުދިއުމަށް މިއަދު ޢީދު ޚުތުބާގައި ބުނެފިއެވެ.
ފިޠުރު ޢީދު ދުވަހުގެ ޚުޠުބާގައި ބުނެފައިވާގޮތުގައި އިސްލާމީ ޢީދުތަކަކީ މާތްﷲ ޝަރުޢުކުރައްވާފައިވާ މުހިންމު އަޅުކަމެކެވެ. އެގޮތުން ޖާހިލީ ޒަމާނުގައި ފާހަގަކުރި ޢީދުތައް ކީރިތި ރަސޫލާ ﷺ އުވައިލައްވައި، އިސްލާމީ ދެ ޢީދު ފާހަގަކުރުމަށް އެންގެވިކަމަށާއި ފިޠުރު ޢީދަކީ މާތްﷲ ފަރުޟުކުރެއްވި ރޯދަ އަދާކުރެވުނީތީ، އެކަމަށް ޝުކުރުކޮށް، ފިޠުރު ޒަކާތް ނެރޭ ދުވަސްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން މި މުނާސަބަތުގައި ހަނދާންކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، މި ބަރަކާތްތެރި ޖަމާޢަތަށް އަހަރެމެން ޙާޟިރުކުރުވީ މާތްވެގެންވާ އިސްލާމްދީންކަންކަމަށާއި އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވުމަކީ މުހިންމުކަމެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
"ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެކެވެ. މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވާށެވެ! ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވާށެވެ! އަދުގެ ދުނިޔޭގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަށް ހޭދަކުރާން ޖެހޭނީ ކުޑަ ހިނދުކޮޅެކެވެ. އެ މީހުން ތިބާއާ ގުޅުން ނުބޭއްވިޔަސް، ތިބާ އެމީހުންނާ ދުރަށް ނުދާށެވެ!" ޢީދު ޚުތުބާގައި ބުނެފައިވެއެވެ.