ފިޠުރު ޢީދުގެ މުނާސަބަތުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން އިންތިޒާމުކުރި "ޢީދު ހަވީރު 1446" ގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ހަވީރުގެ ހަރަކާތްތަކުގައި އެމްއެންޑީއެފްގެ މެރިންކޯރ އަދި އޯޑްނަންސް ސަރވިސްއިން ބޭނުންކުރާ ހަނގުރާމަވެރި އާލާތްތަކާއި އުޅަނދުތައް ޑިސްޕްލޭކޮށް، ކުޑަކުދީންނަށް ގިލީ ސޫޓު އަދި ސްނައިޕަރުންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ސައިލެންޓް ޑްރިލްގެ ހަރަކާތްތަކާއި، މެޑިކަލް ކޯރއިން ޞިއްޙީ މަޢުލޫމާތު ދިނުމުގެ ހަރަކާތްތައްވެސް ވަނީ ހިންގާފައެވެ.
މި ޢީދު ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއިލާއާއެކު ބައިވެރިވެ ވަޑައިގެން، އެކި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލެއްވިއެވެ. އަދި ޢިއްޒުއްދީން ފާލަމުގެ ކުރިމަތީގައި ބޭއްވުނު ޚާއްޞަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ކުޑަކުދީންނާއެކު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަރަކާތްތަކަކީ ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.