ހުޅުމާލެ މަސްޖިދު އަޒީޒާ މޫސާގައި މިއަދު ޢީދު ނަމާދުކުރަން ހަމަޖައްސާފައިވާ އިމާމު، ހާޒިރުނުވުމުން އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެގެ އެމިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތްވެސް މިއަދު ހާޒިރު ވެފައި ނުވާކަމަށެވެ.
އެހެންވެ އުޞޫލުގެ ތެރެއިން މައްސަލަ ބަލައި ފަސް އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި، އިމާމުވެ ނަމާދުކުރުމާއި ޚުޠުބާ ކިޔުމުގެ ފުރުޞަތު ނުދޭން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ކަމާބެހޭ ޔުނިޓަށް އަންގާފައިވާކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އީދު ނަމާދު ފަށަނީ ހެނދުނު 7:00 ގައެވެ. ނަމަވެސް އަޒީޒާ މިސްކިތުގެ އިމާމު އަދި ބަދަލު އިމާމު ވެސް މިއަދު ގަޑިއަށް މިސްކިތަށް ހާޒިރު ވެފައިނުވާތީ އެ މިސްކިތުގައި އީދު ނަމާދު ފެށީ 7:15 ހާއިރުއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހަމަޖެހިފައިވާ އިމާމު ހާޒިރުވެފައި ނުވާތީ ޚިތުބާ ވިދާޅުވެ، އިމާމުވެ ޢީދުނަމާދު ނަމާދުކޮށްދިނީ މިސްކިތުގައި އިން ބިދޭސީއެކެވެ.