އެމްޑީޕީން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އަމަލުކުރިކަމުގެ ތުހުމަތުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އާއި އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު މާދަމާ މެންދުރު 1 ޖަހާއިރު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ފުލުހުން މި ދެ ބޭފުޅުންނާ ސުވާލުކުރަން ބޭނުންވަނީ އާދީއްތަ ދުވަހު ބޭއްވި މުޒާހަރާގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކުރުމާއި، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކޮށެވެ.
މީގެ އިތުރުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުވެސް މި ދެ ބޭފުޅުންގެ މައްޗަށް ކުރެވިފައިވެއެވެ.
ދައުލަތުގެ ތިން ބާރު ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ލައްވަން ވެރިކަންކުރާ ޕާޓީ، ޕީއެންސީން މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އެމްޑީޕީން މިހާރު ދަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތައް ކޮންމެ ރެއަކު ވެސް ފުލުހުން ދަނީ ވަކި ހިސާބަކުން ހުއްޓުވަމުންނެވެ.
ފުލުހުން މުޒާހަރާ ހުއްޓުވާކަމަށް ބެލެވެނީ ގްރީންޒޯނާއި ދިމާލަށް މިސްރާބު ޖަހާތީއެވެ. ގްރީން ޒޯނަކީ މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާ ސަރަހައްދެކެވެ.