ހުޅުމާލެ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މިގޮތުން ހޯދަމުންދަނީ ތ. ތިމަރަފުށި / ވިލާ، އަރުޝަދު އިބްރާހީމްމަނިކު (50 އަހަރު) އެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އޭނާ ހޯދަމުން އަންނަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށެވެ. އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މި އިއުލާން ކުރެވިފައިވަނީއެވެ.
ފުލުހުންގެ އިއުލާނުގައި، އެމައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލު ކުރުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަރުޝަދު އިބްރާހީމްމަނިކަށް އަންގާފައިވެއެވެ.
އަރުޝަދު އިބްރާހީމްމަނިކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން އެ މައުލޫމާތު ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނާ ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިވަޑައިގެންފައިވެއެވެ.