ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރެވިގެންދާނެކަމަށް ފިޝަރީޒް، އެންޑް އޯޝަން ރިސޯސަސްގެ މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫޢު އިފްތިތާހްކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެސްޓީއޯ އިން ލޯންޗް ކުރި މި ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއްކަމަށެވެ. އެމަނިކުފާނުގެ އެ ވައުދުފުޅުގައި ތެލަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައި މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި، މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުގައި، އެސްޓީއޯ ރޭޓްގައި ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މިއަދު މިވަނީ މި ވައުދު ފުއްދުމުގެ މަސައްކަތް ފެށިފައި ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ފެށުނުއިރު އެންމެ ބޮޑު ގޮންޖެހުމެއްގެ ތެރޭގައި އޮތީ މަސްވެރިކަމުގެ ސިނާއަތްތަކަމަށާއި އެކަން އެގޮތަށް އޮތީ ކުރީ ސަރުކާރުތަކުން ވަގުތީ ހައްލު ގެނެސް އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް އެއްވެސް ވަރަކަށް މަސައްކަތްކޮށްފައި ނުވާތީ ކަމަށް މިނިސްޓަރ ޝިޔާމްގެ ވާހަކައިގައި ފާހަގަކުރެއްވެވިއެވެ.
ތެޔޮ ނުލިބިގެން އުޅޭކަމުގައިވަންޏާ ތެޔޮ ބޯޓެއް ފޮނުވައިގެން އެކަންތައް ހަމަޖެއްސުން. މަސް ނުކިރިގެން އުޅޭކަމުގައިވަންޏާ އެ ދިމާލަށް މަސްބޯޓެއް ފޮނުވައިގެން، އެ ދުވަހަށްވާވަރަށް ވަގުތީ ހައްލުތަކެއް މި ހޯދައިދެނީޝިޔާމް
ޝިޔާމް އިތުރަށް ވިދާޅުވީ އިންތިޚާބްވެވަޑައިގެން ދުވަހުން ފެށިގެން މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވުމުގެ މަސައްކަތް ރައީސް މުއިއްޒު ކުރައްވަން ފައްޓަވާފައިވާކަމަށެވެ.
މިކަމުން ވެސް ދޭހަވަނީ އެމަނިކުފާނުގެ ތަސައްވުރު މަސްވެރިންނާ ދޭތެރޭ އުޖާލާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ރައީސް މުއިއްޒު މަސްވެރިންނަށް ކޮށްދެއްވާ ކަންކަން ފާހަގަކުރައްވާ ތައުރީިފް ކުރެއްވެވިއެވެ.