މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށާއި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ސަރުކާރުން 156 މިލިއަން ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަސް ކައްކާ، ހިއްކާ އަދި އެނޫންވެސް މަހުގެ ވިޔަފާރި ކުރާ ފަރާތްތަކަށް އާމްދަނީ ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މީގެ ތެރޭގައި ވޯލްޑް ބޭންކުގެ އެހީގެ ގޮތުގައި ފޯރުކޮށްދޭ 128 މިލިއަން ރުފިޔާ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ދޫކުރާ 27.7 މިލިއަން ރުފިޔާ ހިމެނެއެވެ.
"މި ސަރުކާރުގައި ސިނާއަތުގައި އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި އުކާލާ މަހުގެ ބައިތަކުން ފައިދާކުރަނިވި ޕްރަޑަކްޓްތައް ނެރުމަށް ވޯލްޑް ބޭނކުގެ އެހީތެރިކަމާއެކު 8.3 މިލިއަން ޑޮލަރު ވާނީ ހަމަޖެހިފައި" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި ކަމަކީ މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުންނަ މިންވަރަށް ބަލައި އަގުތައް ބަދަލުކުރުމެވެ. މިކަމުގެ ސަބަބުން މަސް ކައްކާ ފަރާތްތަކަށް މަސް ލިބޭނެ މަގު ތަނަވަސްވެގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މިވަގިތު ކުރިއަށް ދަނީ މި ޕްރޮގްރާމުގެ ދަށުން ފަންޑިންގ ހޯދުމަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅައި، އެޕްލިކޭޝަނަށް ހުޅުވާލުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.