މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށާއި, ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މިސްކިރުމުގެ އިންތިޒާމް ފަހިވެގެންދާނެ ކަމުގައި ފިޝަރީޒަ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހާޒިރު, ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ވަނީ މަސްވެރިން ކިޔުގައި ޖެހި މަސްކިރުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވައި އެކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދޮށީގެ މަސްވެރިކަމުގައި މިވަގުތު ކިޔުއެއް އެބަ އޮތް ކަމަށާއި, އެއްވެސް ސަރުކާރަކުން މި ކިޔު ނައްތައިލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
"ހުރިހާ ސަރުކާރުތަކަކުން މި ކިޔު ނައްތައިލުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތީތީ ކިޔުގައި ދޯނިތައް އެ ތިބީ. ރަނގަޅު ވާހަކަފުޅެއް. ކިޔު ނަމްބަރު އެބަ ދެވޭ. ކިޔު ނަމްބަރު މިދެވެނީ ދޯންޏަކުން ގުޅާފަ ތިމަންނަ މެން މި އަންނަނީ އޭ ކޫއްޑޫ ބަނދަރަށް މަސްކިރަން ތިމަންނަ މެންގެ އެބަ ހުއްޓޭ 40 ޓަނު ނޫނީ 50 ޓަނު. ދެން ކޫއްޑޫއިން މި ރިޒާވް ކުރަނީ 50 ޓަނު. އެކަމަކު ބަނދަރާ ހިސާބަށް އާދެވޭއިރު ގިނަ ފަހަރު މި ހުންނަނީ 20 ޓަނު. ހުރީމަ ދެވަނަ ދޯންޏަށް ތަންކޮޅެއް އަވަހަށް ކިޔު ނަމްބަރު އެބަ ދެވޭ", ޝިޔާމް ވިދާޅުވިއެވެ.
މި މަހުގެ 30 އާ ހަަމައަށް ބައެއް ދޯނިތަކަށް ކިޔު ނަމްބަރު ދީފައި އެބަހުރި ކަމަށާއި, ނަމަވެސް އެ ދޯނިތަކުން މިއަދު ނޫނީ މާދަމާ މަސްކިރާނެ ކަމަށް މިފްކޯއިން މައުލޫމާތު ދީފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
ވޭތުވެ ދިޔަ 2023 އަދި 2024 ވަނަ އަހަރާ ބަލާއިރު މި ދުވަސްވަރު މަސްވެރިކަން މާ ބޮޑަށް ވެސް ރަނގަޅު ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފްކޯގެ ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 420 ޓަނު ނަމަވެސް, މި ދުވަސްވަރު ފުލް ކެޕޭސިޓީއަށް މިފްކޯއިން މަސް ގަންނަމުންދާ ކަމަށާއި, 450 ޓަނު ނަގަން ޖެހޭ ދުވަސް ދުވަސްވެސް އެބަ ދާކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މިއީ ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ މި ކިޔު އަޅުގަނޑުމެން ނައްތާލާނަން. ނައްތާލުމަށް ފަހު މަސްވެރިންނަށް އެއްވެސް އުނދަގުލަކާއި ނުލައި ކިތަންމެ މަސްވެރިކަން ރަނގަޅަސް އިރާދަކުރެއްވިއްޔާ ކިޔުގައި ނުޖެހި މަސްކިރޭނެ ހާލަތު ހަމަޖެހިގެންދާނެ", ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ ނިމުނު އެމްޑީޕީ ސަރުކާރުން މިފްކޯއަށް ގަނެފައި ހުރި ޖަޒީރާ ބޯޓުތަކުގެ އެފެޝިއެންސީ ވަރަށް ދަށް ކަމަށެވެ. ގިނަ ބޯޓުތައް ހުރީ އޮޕަރޭޝަނުން ބޭރުގައި ކަމަށާއި, ސީޒަނަށް އެ ބޯޓުތައް އޮޕަރޭޝަނަށް ގެނެވޭތޯ މަސައްކަތް ކުރުމަށް މި ސަރުކާރުން ޖަޒީރާ 1 އަދި ޖަޒީރާ 2 ބޯޓުގެ މަރާމާތު ފަށްޓާފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި މާދަމާ ނޫނީ އޭގެ އަނެއް ދުވަހު މި ދެ ބޯޓު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި, އެއަށްފަހު މިހާރު މި އޮތް ކިޔުއަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.