މިދިޔަ ސަރުކާރުން މަހުގެ އަގަށް ގެނައި ކުއްލި ބަދަލާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަދި އެއީ ކުރީ ސަރުކާރުތަކުން އެފަރާތްތަކާއިމެދު އަމަލުކުރަމުން އައި ގޮތްކަމަށާއި އެ ހާލަތުގައި އެފަރާތްތައް ވަނިކޮށް މިދިޔަ ސަރުކާރުން އެ މަސައްކަތް ކުރާ ފަރާތްތައް އެއަށްވުރެ ވެސް ދަށް ހާލަތަކަށް ވައްޓާލާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެގޮތުން މިދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ދެ ބުރުގެ ދެމެދުގައި އެއްވެސް ދިރާސާއެއް ނުކޮށް މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރި ކުރުމަކީ މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް ބަނގުރޫޓުވުމަށް މަގުފަހިކުރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިފަދަ ހާލަތެއްގައި އެފަރާތްތައް ވަނިކޮށް މިދިޔަ ސަރުކާރު ނިންމާލިއިރު އެ ފަރާތްތައް ތިބި ހާލަތު އިތުރަށް ގޯސްކޮށްފައި ވެރިކަން ދޫކޮށްފައި ވަޑައިގަތީ، 17 ރުފިޔާއަށް ހުރި މަހުގެ އަގު ކުއްލިޔަކަށް 25 ރުފިޔާއަށް ބަދަލުކުރި ބަދަލުކުރުން ވެގެން ދިޔައީ މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް ބަނގުރޫޓުވެގެން ދިޔަ ސަބަބަށް" ޝިޔާމް ވިދާޅުވިއެވެ.
"މިފްކޯ ދައުލަތުގެ ކުންފުނިން އެކަނިން މަސް ގަނެވޭ ހާލަތަށް ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރުވި ނިންމުމެއް އެއީ"އަހްމަދު ޝިޔާމް| ފިޝަރީޒް މިނިސްޓަރު
އޭނާ އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުންވެސް މި ދާއިރާއަށް ބޭނުންވާ ތަރައްޤީ ނުގެނެވި އޮތްއިރު މިދިޔަ ސަރުކާރުން ވެރިކަން ނިންމާލިއިރު މި ދާއިރާ އިތުރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން އެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އަތުގައި އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި އުކާލާ މަހުގެ ބައިތަކުން ފައިދާކުރަނިވި ޕްރަޑަކްޓްތައް ނެރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު 8.3 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަހުގެ އުފެއްދުންތައް އުދައްފާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން، މަހުގެ އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމަށް ބާރު އެޅުމުގެ ގޮތުން 1.8 މިލިއަން ޑޮލަރު ނުވަތަ 27.7 މިލިއަން ރުފިޔާ ހަމަ ޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މިވަގުތު ކުރިއަށް ދަނީ މި ޕްރޮގްރާމުގެ ދަށުން ފަންޑިންގ ހޯދުމަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅައި، އެޕްލިކޭޝަނަށް ހުޅުވާލުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.