މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފައި ނޫން ކަމަށާއި، ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމޭނެ ކަމަށް ރައީށް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުށިދިއްގަރުފަޅު މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އެ މަޝްރޫއު ނުހުއްޓޭ ކަަމަށާއި މިވަގުތު ކުރިއަށްދަނީ އިދާރީ މަސައްކަތްތައް ކަމަށެވެ.
"ތިބޭފުޅުން މިސާލަކަށް އެ މަޝްރޫއެއް ހުއްޓުން ނުވަތަ ކުރިއަށް ނުދިޔުން އެ މާނަކުރައްވަނީ މިސާލަކަށް އެތަނަށް އަޅާ ވެލިކޮޅެއް އެޅުން ނުފެންނާތީތޯ؟ އެއީ ހަމަ ކޮށްލަން ބޭނުންވާ ސުވާލެއް. އެ ވެލިކޮޅު އެތަނަށް ނޭޅިކަމުގައި ވިޔަސް އެއާ ގުޅިގެން، އޭގެ ވަށައިގެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއްވެސް ހުންނާނެ،" ހީނާ ވިދާޅުވި އެވެ.
"އެހެންވީމަ، ފުށިދިއްފަރުފަޅުގެ މަސައްކަތް ނުވަތަ ހިއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެއްގޮތަކަށްވެސް ހުއްޓުމަކަށް އައީކީއެއް ނޫން. އެ މަޝްރޫއު ހުއްޓިގެންނެއް ނޫން މިއުޅެނީ. އެއާ އެކުއެކީގަ ކުރަންޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރި އެހެންވީމަ މިހާރު އެ މަސައްކަތްތައް ކުރިއަށްދަނީ."
އެގޮތުން، ފުށިދިއްގަރުފަޅު މަޝްރޫއުގެ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަން ފަދަ ބައިވަރު މަސައްކަތްތަކެއް މިވަގުތުވެސް ކުރިއަށްދާ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްގެންގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"އެ މަޝްރޫއުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވެފައިވާ ގޮތަށް، އެގޮތަށް ކުރިއަށްދާނެ،" ހީނާ ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން 1،150 ހެކްޓަރުގެ ބިން ހިއްކައި ތަރައްގީކުރާ ސިޓީއަށް "ރަސްމާލެ" ގެ ނަމުން ވަނީ ނަން ދީފަ އެވެ.
ޑިސެމްބަރު 18، 2023 ގައި ފުށިދިއްގަރުފަޅުގެ ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ، މެދުނުކެނޑި މަސައްކަތް ކުރިއަށް ގެންގޮސް އަށް މަސް ދުވަހުން ބިން ހިއްކުން ނިންމާނެ ކަމަށެވެ.