މަޝްރޫއުތަކުގެ އަދާހަމަ ހިއްސާކުރަން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއެކު ކެބިނެޓު ބައްދަލުވުމެއް ބާއްވައިފިއެވެ.
ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.
ވަޒީރުންގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫޢޫތަކުގެ އަދާހަމަ މަޢުލޫމާތު, މި ބައްދަލުވުމުގައި ރައީސްއާ ހިއްސާކޮށް, ވަނީ މަޝްވަރާ ކޮށްފައެވެ.
އެގޮތުން އެސްޓީއޯ އާއި ވެމްކޯ, ފެނަކަ, ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީސީސީ އަދި އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކޮށްފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފައެވެ.
އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށްވެސް ރައީސް ބާރުއެޅުއްވިއެވެ.