ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފައިދާ ދެ އަހަރު ތެރޭގައި މަސްވެރިންނަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައެވެ. އެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް، ނުވަތަ ވެލިއު އެޑްކުރުމަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެ މަޝްރޫއުތައް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، ޢަމަލީ ގޮތުން އޭގެ ފައިދާ މަސްވެރިންނަށް ކުރަންފަށާނޭ ކަމަށެވެ.
މަހާއި މަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ޤާބިލުކަން، މިހާރު ހުރި 8500 ޓަނުން އިތުރުކުރުމަށް ފައްޓަވާފައިވާ މަޝްރޫޢު، ނިމި، ފަންސަވީސް ހާސް ޓަނާ ހަމައަށް އިތުރުކުރެވޭނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ޕްރޮސެސިންގ ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"ވަޢުދާ އެއް ގޮތަށް މިއަހަރު ނިމެން ވާއިރަށް ކޮންމެ އަތޮޅެއްގައި، ކަނޑައެޅިފައިވާ ރަށަކުން، އެސް.ޓީ.އޯ ރޭޓުން ތެޔޮ ލިބޭނޭ އިންތިޒާމު ވަނީ ހަމަޖެހިފައި. އަދި އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތް އަންނަނީ ބާރު ދުވެލީގައި ކުރިއަށް" ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމަށް ބޭނުންވާ ކަނދުފަތީގެ ތެރެއިން މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ޤާއިމުކުރެވިފައިވާކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ޤާއިމުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލަރސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕްގެ ފުރުސަތު ދެއްވަމުން ގެންދަވާނޭ ކަމަށާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގައެވެ.