Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ (ބްރޯޑްކޮމް) މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ހަ ވަނަ ދުވަހުވެސް ހުޅުވާލިއެވެ. އެރު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު އަލުން އެ ފުރުސަތު ހުޅުވާލާފައިވާއިރު އަލުން ހުޅުވާލި ސަބަބެއް ހާމައެއް ނުކުރެއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުން، ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ މުސްލިމުންނަށާއި ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވުމާއެކު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
މީގެއިތުރުން، ކުރިމަތިލާ ފަރާތަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކަށް ވެގެންނުވާނެކަމަށް ރައީސް އޮފީހުން ކުރި އިއުލާނުގައިވެއެވެ. އަދި ސިވިލް ސަރވިސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހަކަށްވެސް ވެގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.
މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރު، ކުށާއި ދަރަނީގެ ރެކޯޑު ފޯމު އަދި ވަނަވަރު ހިމެނެއެވެ. މި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. ފޯމާއި އިޤްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

މި ލިއުމާއި ގުޅޭ