ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން ސަރުކާރަށް ލިބުނު 'ސުޕަ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާގެ ތެރެއިން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ ތަމްސީލުކުރާ 73 މެންބަރުން ވަނީ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ސަރުކާރުން ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށެވެ.
ސަރުކާރުން ސުޕަ މެޖޯރިޓީގެ ބޭނުންކުރާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަށް ތަރައްގީ ގެނައުމެވެ. އެހެންކަމުން ސުޕަ މެޖޯރިޓީ ބޭނުންކުރާނީ އެ އަމާޒު ހާސިލްކުރުމަށެވެ.
ހަތްދިހައަށްވުރެ ގިނަ ގޮނޑިއާއެކު ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގިއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ލިބުނީ މަޖިލީހުގެ 12 ގޮނޑި އެވެ. އެކަމަކު، ސުޕަ މެޖޯރިޓީ ލިބިފައިވީ ނަމަވެސް، ބާރުގެ ބޭނުންކޮށް ބިރުނުދައްކާނެކަމަށާއި މައިނޯރިޓީއަށް އިހްތިރާމް ކުރާނެ ކަމަށް ޕީއެންސީން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.