Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މި މަހު ކަރަންޓު ބިލުތައް ބޮޑީ ރާއްޖޭގައި އެކަންޏެއް ނޫން: ސްޓެލްކޯ

މި މަހު ކަރަންޓު ބިލުތައް ބޮޑީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ ގިނަވެފައި ވަނިކޮށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ މި މަހު ކަރަންޓު ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.
"ހަމައެކަނި ރާއްޖޭގައި ކަރަންޓުބިލު ބޮޑީކީ ނޫން. ހޫނުގަދަވުމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކަށްވެސް މި މަހުގެ ކަރަންޓު/ ގޭސް ބިލު ބޮޑު،" ފަހުމީ ވިދާޅުވި އެވެ.
ކަރަންޓު ބިލުތައް ބޮޑުވީ ސްޓެލްކޯއިން ނުވަތަ ފެނަކައިން ކުރި ކަމަކުން ނޫން ކަމަށާއި، ބިލުކޮށްފައި ހުންނާނީ ކަރަންޓު ބޭނުންކުރި މިންވަރަށް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
"އަހަރަކު ދެމަހު ތިންމަހު ބިލު ބޮޑުވަނީ. ބައެއް މަސްތަކުގައި ބިލު ކުޑަވެސް އެބަވޭ. އެހެންވީމަ އެބަ އެނގޭ ސްޓެލްކޯއާއި ފެނަކައިން ބިލްތައް ބޮޑުކުރަނީ ނޫންކަން،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓު ބިލު ބޮޑުވުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކަރަންޓު އިގްތިސާދު ކުރުމަށް ކެމްޕެއިންތައް ހިންގުމާއި، ގެ އިމާރާތްކުރާއިރު ވެސް އެކަންކަމަށް ވިސްނުމެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ އައުޓްޑޯ ޔުނިޓުތައް ކުޑަ ގޮޅިއެއްގެ ތެރޭގައި ބަހައްޓާފައި ހުރުން ފަދަ ކަންކަމަކީ ކަރަންޓު ބިލު ބޮޑުވާ ކަމެއް ކަމަށެވެ.
"އައުޓްޑޯ ޔުނިޓު ބަހައްޓަނީ ވަރަށް ކުޑަ ގޮޅިއެއްގެ ގިނަ ޔުނިޓުތައް. އެގޮތަށް ބެހެއްޓީމަ ކަރަންޓު ބިލު ބޮޑުވާކަން ފާހަގަވޭ،" ފަހުމީ ވިދާޅުވި އެވެ.
ރޯދަ މަހުގައި ކަރަންޓު ބިލު ބޮޑުވުން ހުއްޓުމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދީފަ އެވެ. ނަމަވެސް ބިލިން ސައިކަލް އިންނަ ގޮތުން އެ ޑިސްކައުންޓުގައި ރޯދައިގެ ކުރީގެ ބައެއް ދުވަސްތަކާއި ރޯދައިގެ ފަހު ދުވަސްތައް ނުހިމެނެ އެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކަށްވީ ރޯދަމަހު ގޭބީސީތަކުން ކުރަންޖެހޭ ހަރަދު ކުޑަކުރުމެވެ. އެހެންވީމަ ބެލީ ރޯދަމަހުގައި ގޭބީސީތަކަށް ލިބޭ ބިލު ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ޑިސްކައުންޓު ހުރިހާ ގޭބީސީއަކަށްވެސް އެއްވަރަށް ވަނީ ދީފަ އެވެ.
މި ލިއުމާއި ގުޅޭ