Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ދެޕާޓީ ގުޅުން: އިބޫ ހުއްޓުވަން ނަޝީދު ހަދާ ފަންޑިތައެއް؟

ރައީސް ނަޝީދު އިއްޔެ ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓުގައި "އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށްވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން" މިހެން ވިދާޅުވުމުގެ ފަހަތުގައި ފޮރުވިފައިވާ މާނަތަކެއް ވޭބާއެވެ؟ ނޫނީ ނަޝީދު ހަމަ ހަޤީޤަތުގައިވެސް އެމްޑީޕީއަށް ރަނގަޅު ގޮތް އެދެނީ ބާއެވެ. ނޫނީ މިއީ ނަޝީދަށް އެންމެ މޮޅު ލިބޭނެ ގޮތް ބާއެވެ؟

ނަޝީދު މި މެސެޖު ހިއްސާކުރި ވަގުތާއި ހާލަތާއި މެދު ވިސްނާލާއިރު މީގައި ފޮރުވިފައިވާ މާނައެއް ވާކަމާމެދު ޝައްކެއް ނެތެވެ. ރައީސް އިބްރާހިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމިކަމަށް ޚަބަރުތައް ފެތުރެމުންދާ ދުވަސްކޮޅާއި އެމްޑީޕީއާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަން ފެންނަ ކަމަށް ނަޝީދު ވިދާޅުވުން އެއްދުވަސްވަރަކަށް ދިމާވުމަކީ އިއްތިފާޤެއް ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟

ނޫނީ އެމްޑީޕީއިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދުވަސްވަރަކާއި ދިމާވުމަކީވެސް އިއްތިފާގެއް ބާވައެވެ؟

ނަޝީދުއާއި އޭރުވެސް މައްސަލަ ޖެހުނީ އެމްޑީޕީއަކާއެއް ނޫނެވެ. އެމްޑީޕީގެ ފިކުރަކާވެސް ނޫނެވެ. މައްސަލަ ޖެހުނީ "ބެސްޓް ފްރެންޑް" ރައީސް އިބްރާހީމާއެވެ. އަމިއްލަ ބުރަ މަސައްކަތުން އުފައްދައި ކޮޅަށް ޖެހި ޕާޓީ ދޫކުރައްވައި ތާއީދުކުރައްވާ ބޭފުޅުން ގޮވައިގެން ވަޑައިގަތީ އެންމެ ސަބަބަކާހުރެއެވެ. ރައީސް އިބްރާހިމް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމުމެވެ. ވެރިކަމުގެ ދެވަނަ ދައުރެއް ރައީސް އިބްރާހީމަށް ލިބިމުގެ ފުރުސަތު ހުޅުވުނު އިރު ރައީސް ނަޝީދުގެ ލެގަސީގައި "އިސްތިއުފާ ދީފައި ފިއްލެވި" މި ލަގަބު ނޫން ލަގަބެއް ނެތީމައެވެ. ކުރު ގޮތަކަށް ބުނަނީނަމަ ރައީސް އިބްރާހިމް ރައީސް ނަޝީދަށްވުރެ މަތިން ބަސްކިޔަން ނަޝީދަށް ހަޖަމުނުވީމައެވެ.

ޑިމޮކްރެޓްސްއާއި އެމްޑީޕީ އެއްމޭޒެއްދޮށުގައި މަސައްކަތް ކުރަން އަލުން ފެށުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑިމޮކްރެޓްސްއަށް، އަދި ޚުދު ރައީސް ނަޝީދަށް ބަސްކިޔުމުގެ ފުރުސަތު ހުޅުވާލުމެވެ. އަލުން އަނެއްކާވެސް ނަޝީދު އެމްޑީޕީއާއެކު މަސައްކަތް ކުރަން ތާއީދުކުރަނީ ހަމަ މިކަމާއި ގުޅިގެން ކަމަށް ވެދާނެއެވެ. އެއްވެސް ކަމެއް ނުކޮށް ބަލަން ތިބެފިނަމަ ރައީސް އިބްރާހީމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިދާނެކަމަށް ނަޝީދަށް ހީވީކަމަށް ވެދާނެއެވެ. ސާފުބަހުން ބުނާނަމަ، ރައީސް އިބްރާހިމް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާ މަންޒަރު ބަލަން "ގާނާ" ގައި ހުރެވެސް ނަޝީދަށް ކެތް ނުވީއެވެ.

ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވި ފަހުން މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީއަށް އެކަށީގެންވާ ސީޔާސީ މަސައްކަތްތަކެއް ނުކުރެވޭކަމަކީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުން ކުރިމަތިވީ ނާކާމިޔާބީއެވެ. ބޭއްވުނު ހުރިހާ ބައި އިލެކްޝަނަކުން ކުރިމަތިވީ ނާކާމިޔާބީއާއެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ ނަޝީދު ވަކިވެގެންދިޔަ ފަހުން އެމްޑީޕީއަށް އެއްވެސް ކާމިޔާބީއެއް ނުލިބެއެވެ.

މި ދެންނެވި ކަންކަން ހިނގާފައިހުރި މަގަށް ބަލާއިރު އެމްޑީޕީގެ މިހާރުގެ ލީޑާޝިޕަށް، "ރައީސް އިބްރާހިމްގެ ފަހަތުގައި އޮތް ލީޑާޝިޕަށް" އެމްޑީޕީގެ ޢާއްމު މެންބަރުން އިތުބާރުކުރަން ނުޖެހޭ އެތައް ސަބަބުތަކެއް ރައީސް ނަޝީދަށް ދެއްކިދާނެއެވެ. އަދި ނަޝީދާއި ނުލައި އެމްޑީޕީއަށް ކުރިއެރުމެއް ނެތްކަން އެމްޑީޕީގެ މެންބަރުންގެ ދުލުންވެސް ބުނެދެވިދާނެއެވެ.

އެމްޑީޕީން ބާއްވަން ތައްޔާރުވަމުންދާ ކޮންގްރެސް އަކީ ރައީސް އިބްރާހިމްގެ ފެކްޝަނުން ލޮބީކުރި ކަމެކެވެ. އަދި މި ކޮންގްރެސް އަކީ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒަށް ލިބިފައިވާ ބައެއް ބާރުތައް އުނިކުރުމަށް ކޮށާލި މަގެއް ކަމަށްވެސް ފައްޔާޒުގެ ފެކްޝަނުން ތުހުމަތުކުރެއެވެ. ފައްޔާޒަށް އެމްޑީޕީގެ އެތެރޭގެ ބާރުތަކެއް ގެއްލިގެންދާނެކަމުގެ ބިރުހީވުމުން ރައީސް ނަޝީދާއި އަތުގުޅާލުމަކީވެސް އެކަށީގެންވާކަމެކެވެ.

ނަމަވެސް އުފެދޭ ސުވާލަކީ ނަޝީދުގެ ހަޤީޤީ މަޤްސަދަކީ ކޮބާ ބާވައެވެ. އަމިއްލަ ނަން ރިޔާސީ ޓިކެޓުގައި އޮތުން ހެއްޔެވެ؟ ނުވަތަ ނަޝީދުގެ ބަސްގަބޫލުކުރާ ފައްޔާޒް ފަދަ ބޭފުޅަކަށް ޓިކެޓް ދިނުން ހެއްޔެވެ؟ ނުވަތަ ހަމައެކަނި ރައީސް އިބްރާހީމަށް އޮތް ފުރުސަތު ގެއްލުވާލުން ހެއްޔެވެ؟

މި ލިއުމާއި ގުޅޭ