ނިމުނު އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދިނީ ހަނަފަސް ފަސް އަހަރުގެ ވެރިކަމެއް ކަމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ ރައްޔިތުންނަށް ތެދުވެރި ވަފާތެރި އަދި ލޯތްބާއި އިހުތިރާމު ހޯދުމަށްޓަކައި މަސައްކަތްކުރައްވާ ރިޔާސީ ކެންޑިޑޭޓެއް ނަމަ، ޝަމްހީދު މިއަދު ހުށަހަޅުއްވާނީ އެ ގަރާރެއް ނޫން ކަމަށެވެ.
ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ވެރިކަން ކުރެއްވި ގޮތުގެ ގަރާރުތައް އެކި ދުވަސް މަތީން މަޖިލީހަށް ހުށަހެޅުއްވި ނަމަ މާ ރަނގަޅުވީސް ކަމުގައި މެންބަރު ޝާހިދު ވިދާޅުވިއެވެ.
"ހަގީގަތުގައި މި ހުރިހާ ކަމެއް ކުރެއްވީ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމް.ޑީ.ޕީގެ ސަރުކާރުން ދިވެހި ރައްޔިތުން އެމް.ޑީ.ޕީއަށް ނޫނެކޭ ބުނަން މި ޖެހުނީ، ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ނިކަމެތި ހަނަފަސް ފަސް އަހަރެއްގައި ވެރިކަންކުރި ތަން ދިވެހި ރައްޔިތުންނަށް ފެނިގެންދިޔުމުން. އެހިތި ތަޖުރިބާއަށް ބަލާފައި، އެ މީހުންގެ އެ ރައްޔިތުންގެ މުޅި ހަޔާތް އެއްކޮށް ބަރުބާދުކޮށްލާ ފަދަ ފަސް އަހަރެއްގައި ވެރިކަން ކޮށް ނިންމާލުމާ އެއްކޮށް އެ ވެރިކަމަށް ނޫނެކޭ ބުނެ، ދިވެހިރާއްޖޭގެ ރައްޔިތުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑު ތާއީދެއް ކުރައްވާ އެމަނިކުފާނާ ހަވާލުކުރެއްވީ"، މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ޤައުމުގައި ވެރިކަން ކޮށްފައި ދާ ކޮންމެ ފަރާތަކުން މި ދަނީ ޤައުމު ހިތުހުރިހާ ގޮތަކަށް ވިއްކާލައި، ހުސްކޮށްލައި، ލޫޓުވައި، ރައްޔިތުން ބިކަކޮށް، ޤައުމު ނިކަމެތިކޮށްލާފައި ކަމަށެވެ. ބޭރުގެ ޤައުމުތަކުން ނަގާފައި ހުރި ދަރަނިތައް ނުދައްކާ އެއްވެސް ކަމެއް ކުރެވެން ނެތް ކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ އެ ދަރަނި ދެއްކުމަށް ފަހު ދިވެހިރާއްޖޭގެ ރައްޔިތުންގެ އާސަންދަ ކަންތައްތައް ވެސް، ފްލެޓުތައް އެޅުން ވެސް، ބަނދަރުތައް ހެދުން ވެސް، އެއަރޕޯޓުތައް ހެދުން ވެސް ކުރިއަށް ގެންދިއުމަށްޓަކައި، މަސައްކަތް ފެށްޓެވި ހިސާބުން ރައީސްގެ ތަސްވުރާ އެއްގޮތަށް ގައުމު ހިނގަން ފަށައިފިކަން އެމްޑީޕީ މެންބަރުންނަށް އިހުސާސް ވާން ފެށީ ކަމަށެވެ.
"އެކަމާ ކަންބޮޑުވެގެން، އެކަމާ ބިރުން ރައްޔިތުންނަށް މި ކޮށްދޭން އެ މަނިކުފާނު ހިތުތެރޭގައި މި އޮތް ކަންތައްތައް، އެ މަނިކުފާނު ވިދާޅުވެފައި، ވަޢުދުވެވަޑައިގެންނެވި ކަންތައްތައް ލިޔެކިޔުމުގައި ފޮތެއްގެ ސިފައިގައި ނެރުއްވައިގެން، މި ކަންކަން ވަރަށް ތަރުތީބުކުރައްވައިގެން އަޅުގަނޑުމެންނަށް މި ފެނިގެން މި ދަނީ ކޮންމެ ދުވަހަކު ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ މަޝްރޫޢުތައް ގެންދިއުމަށް ޓަކައި ސޮއިކުރެވެމުންދާ މަންޒަރު،" މެންބަރު ވިދާޅުވިއެވެ.