Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

ރޭޕުގެ ވާހަކަދެއްކުމުން ކެމްޕެއިން އިތުރަށްވަނީ ވަރުގަދަ: އަލީ ވަހީދު

ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުވާ އަލީ ވަހީދަށް އަމާޒުވާ ތުހުމަތުތަކުގެ ވާހަކަތައް އާންމުކޮށް ދެއްކުމުން އޭނާގެ ކެމްޕެއިނު އިތުރަށް ވަރުގަދަވާކަމަށް އަލީ ވަހީދު ބުނެފިއެވެ.

އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާގެ ތުހުމަތުތައް އަލުން ފެންމަތިވީ އޭނާގެ ޝިކާރައަކަށްވީ އަންހެންކުދިން އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތައް އާންމުވުމާ ގުޅިގެންނެވެ. އެ ބަޔާނުތަކުގައި އަލީގެ ފަރާތުން އެ އަންހެނުންނަށް ކުރިމަތިވި ޖިންސީ އަނިޔާގެ ގިނަ ތަފުސީލުތަކެއް ހިމަނާފައިވެއެވެ.

އެގޮތުން އެއިން ބައެއް ކުދިންގެ ހަށިގަނޑުގައި ގަދަކަމުން އަތްލައި ޖިންސީ ގުޅުން ހިންގުމަށް މަސައްކަތްކުރިކަމަށް އެކުދިން ބުނެފައިވެއެވެ. އިތުރު ބައެއް ކުދިންވަނީ އަލީ ގަދަކަމުން އެ ކުދިންނާ ޖިންސީ ގުޅުންހިންގި ގޮތުގެ ތަފުސީލުތައް ތަހުގީގު މަރުހަލާގައި ފުލުހުންނާ ހިއްސާކޮށްފައެވެ. އެ ބަޔާންތައް އާންމުވުމުން އަލީއަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފުރުސަތު ދީފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވެފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނިކޮށް ފޯނުން ގުޅައި އެކަމާ ގުޅޭ ގޮތުން މީހަކު އަލީއާ ކުރި ސުވާލަކާ ގުޅިގެން އޭނާ ދިން ޖަވާބު މީސްމީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ. އެ އޯޑިއީގައި އަލީ ބުނެފައިވަނީ އެ ތުހުމަތުތަކުގެ ސަބަބުންވަނީ ގަދަކަމަށެވެ.

"މިހާރު އެއޮތް ކޮމްޕެއިންކޮށްދެނީނު؟ އޭގެންވަނީ ގަދައޭ އަނެއްހެން. ކުޅުދުއްފުށީ މީހުން އިތުރަށްވަނީ ވަރުގަދަވަނީ. މިހާރުވެސް މިދަނީ ހަމަ ކެމްޕެއިން މީޓިންއަކަށް ދާންވެގެން. ވިއްސަކަށް އަންހެންކުދިން މިރޭގެ ކެމްޕެއިން މީޓިންގައި އެބައުޅޭ.،" އަލީ ބުންޏެވެ.

އަލީ ވަހީދުގެ މައްސަލާގައި ކަން ހިނގި ގޮތް

އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރައާއި ގޯނާ ލިބުނު ބައެއް އަންހެނުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތައް އާންމުވެފައިވާއިރު އެއިން އެކަކު ބުނެފައިވަނީ ރިސޯޓެއްގެ ކޮޓަރިއަކަށް އޮޅުވާލައިގެން އޭނާ ވައްދައި، ލައިގެން ހުރި އަންނައުނު ބާލުވައި އޭނާގެ ގައިގައި އަލީ އަތްލައި ޖިންސީ އަނިޔާކުރި ކަމަށެވެ. އިތުރު އަންހެނަކު ބުނެފައިވަނީ ކޮވިޑުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން މާގިރީގައި ތިބި ދުވަސްވަރު އެ ހޮޓަލުގައި އަލީ ހުރި ކޮޓަރިއަށް ގެންގޮސް ދެ ފަހަރެއްގެ މަތިން އޭނާ ރޭޕުކުރިކަމަށެވެ.

ގައަށް އަތްލުމުގެ އިތުރަށް އަނގަ ބަހުންނާއި މެސެޖުކޮށްގެން އަލީ ޖިިންސީ ފުރައްސާރަކޮށް މަތީ މަޤާމެއްގައި ހުރި މީހަކު ދައްކައިގެންނުވާނެ ވާހަކަތައް ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާ ދައްކާފައިވާކަމަށް އެ އަންހެނުންގެ ބަޔާންތަކުގައި ބުނެފައިވެއެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރައާއި އަނިޔާ ލިބުނު ކުދިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން ރައީސް އިބްރާހީމާ ބައްދަލުކުރިއެވެ. އެކުދިންގެ ވާހަކަތައް އަޑުއައްސަވައި އެކުދިންނަށް އިންސާފު ހޯދައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ނަމަވެސް މައްސަލަ ހިނގައިގަންނަން ފަށައި އަލީގެ މައްޗަށް ދައުވާކޮށްފައިވަނިކޮށް ކޯޓުން ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ފުރުސަތު އަލީއަށް ދިނުމުން ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރެވެނީސް އެ ދުވަހު އަލީ ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ދިޔައެވެ. އަލީ ފިލުމުގައި އެއިރުގެ ސަރުކާރުން އެހީތެރިވިކަމަށް ތުހުމަތުވެފައިވެއެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވުނަސް އަލީ ހައްޔަރުކޮށްފައިނުވެއެވެ.

އަލީ އިނގިރޭސިވިލާތުގައި ހުރުމުގެ ސަބަބުން މައްސަލަ ކުރިއަށްނުގޮސް މަޑުޖެހިފައިވަނިކޮށް މައްސަލާގައި ހެކިބަސްދިން އަންހެނުންނަކީ ކޮބައިކަން ބައެއް ފަރާތްތަކަށް އެނގިގެން ދިޔައެވެ. ފަހުން އެ އަންހެނުންވަނީ އެމީހުން ދިން ހެކިބަސް އަނބުރާ ގެނެސްފައެވެ. އެ ހެކިބަސް ގެނައީ ނުފޫޒު ފޯރުވައިގެންކަމަށް އެއިރުވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރިއެވެ. އޭގެ ފަހުން އަލީ ވަހީދު އަނބުރާ ރާއްޖެއަށް އައިސް ސިޔާސީ މަސައްކަތްތައް ފެށިއެވެ.

އަދި މިހާރު އޭނާއަކީ ރައީސް އިބްރާހީމު އެ ޕާޓީއެއްގެ އެޑްވައިޒަރުކަމުގައި ހުންނެވި އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.
މި ލިއުމާއި ގުޅޭ