Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރޭޕްގެ ތުހުމަތުވާ އަލީގެ ސިޔާސީ ކެރިއާ އޭނާ އެދޭ ގޮތަށް ބިނާކޮށްދޭންޖެހޭކަމަށް ރައީސް އިބްރާހީމު ވިދާޅުވި

ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެ އެ ވުޒާރާގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވުމާ ގުޅިގެން ވަޒީފާއިން ވަކިކުރި އަލީ ވަހީދުގެ ސިޔާސީ މުސްތަޤުބަލު އޭނާ އެދޭ ގޮތަށް ކަށަވަރުކޮށްދީ ސިޔާސީ ކެރިއާ ބިނާކޮށްދޭންޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ މިހާރުގެ މުސްތަޝާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހީމު މިފަދައިން ވިދާޅުވެފައިވަނީ އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރައާއި އަނިޔާ ލިބުނު އަންހެނުން އެމަނިކުފާނާ ބައްދަލުކޮށް އެމީހުންނަށް ކުރިމަތިވީ ކަންކަމުގެ ތަފުސީލުތައް އެމަނިކުފާނާ ހިއްސާކުރުމުން އަލީ މަޤާމުން ވަކިކުރެއްވުމަށްފަހު، ފުލުހުން އެ މައްސަލައިގެ ތަހުގީގެއް ފަށައި، ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނިކޮށް، ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެ މައްސަލައާ ގުޅިގެން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައީސް އިބްރާހީމު ވިދާޅުވީ އެ މައްސަލަ މިހާރު އޮތީ މުޅިން "އެހެން ހިސާބެއްގައި" ކަމަށާއި ނިޒާމުގެ ތެރެއިން އެ މައްސަލަ ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އަލީ ވަހީދަށް އަބަދުވެސް ރަނގަޅު ގޮތްތައް އެދިވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މައްސަލަ އެއޮތީ މުޅިން އެހެން ހިސާބެއްގައި. އެ ކުރިއަށްދާނެ ނިޒާމުގެ ތެރެއިން. އެހެންނަމަވެސް އަޅުގަނޑު އަބަދުވެސް އަލީ ވަހީދަށް ހެޔޮގޮތްތައް އެދެން،" ރައީސް އިބްރާހީމު ވިދާޅުވިއެވެ.

އަދި އަލީއަށް ތާރީފުކުރައްވަމުން ރައީސް އިބްރާހީމު ވިދާޅުވެފައިވަނީ އަލީއަކީ ސިޔާސީ މުސްތަޤުބަލެއް އޮތް "ކުޅަދާނަ ޕޮލިޓީޝަނެއް" ކަމަށެވެ. އަދި އަލީ ވަހީދުގެ މުސްތަޤުބަލު އޭނާ އެދޭ ގޮތަށް ކުރިއަށްގެންގޮސްދިނުމަކީ "އަޅުގަނޑުމެން އެންމެން" ކުރާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަލީ ވަހީދަކީ މުސްތަޤުބަލެއް އޮތް، ސިޔާސީ މުސްތަޤުބަލެއް އޮތް ހަމަ ކުޅަދާނަ ޕޮލިޓީޝަނެއް. އެހެންވީމައި އަލީ ވަހީދުގެ މުސްތަޤުބަލު އަލީ ވަހީދު އެދިވަޑައިގެންނަވާ ގޮތަށް ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެން ކުރާނެ ކަމެއް،"

އަލީ ވަހީދުގެ މައްސަލައިގެ ޚުލާސާއެއް

އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރައާއި ގޯނާ ލިބުނު ބައެއް އަންހެނުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތައް އާންމުވެފައިވާއިރު އެއިން އެކަކު ބުނެފައިވަނީ ރިސޯޓެއްގެ ކޮޓަރިއަކަށް އޮޅުވާލައިގެން އޭނާ ވައްދައި، ލައިގެން ހުރި އަންނައުނު ބާލުވައި އޭނާގެ ގައިގައި އަލީ އަތްލައި ޖިންސީ އަނިޔާކުރި ކަމަށެވެ. އިތުރު އަންހެނަކު ބުނެފައިވަނީ ކޮވިޑުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން މާގިރީގައި ތިބި ދުވަސްވަރު އެ ހޮޓަލުގައި އަލީ ހުރި ކޮޓަރިއަށް ގެންގޮސް ދެ ފަހަރެއްގެ މަތިން އޭނާ ރޭޕުކުރިކަމަށެވެ.

ގައަށް އަތްލުމުގެ އިތުރަށް އަނގަ ބަހުންނާއި މެސެޖުކޮށްގެން އަލީ ޖިިންސީ ފުރައްސާރަކޮށް މަތީ މަޤާމެއްގައި ހުރި މީހަކު ދައްކައިގެންނުވާނެ ވާހަކަތައް ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާ ދައްކާފައިވާކަމަށް އެ އަންހެނުންގެ ބަޔާންތަކުގައި ބުނެފައިވެއެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރައާއި އަނިޔާ ލިބުނު ކުދިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން ރައީސް އިބްރާހީމާ ބައްދަލުކުރިއެވެ. އެކުދިންގެ ވާހަކަތައް އަޑުއައްސަވައި އެކުދިންނަށް އިންސާފު ހޯދައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ނަމަވެސް މައްސަލަ ހިނގައިގަންނަން ފަށައި އަލީގެ މައްޗަށް ދައުވާކޮށްފައިވަނިކޮށް ކޯޓުން ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ފުރުސަތު އަލީއަށް ދިނުމުން ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރެވެނީސް އެ ދުވަހު އަލީ ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ދިޔައެވެ. އަލީ ފިލުމުގައި އެއިރުގެ ސަރުކާރުން އެހީތެރިވިކަމަށް ތުހުމަތުވެފައިވެއެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވުނަސް އަލީ ހައްޔަރުކޮށްފައިނުވެއެވެ.

އަލީ އިނގިރޭސިވިލާތުގައި ހުރުމުގެ ސަބަބުން މައްސަލަ ކުރިއަށްނުގޮސް މަޑުޖެހިފައިވަނިކޮށް މައްސަލާގައި ހެކިބަސްދިން އަންހެނުންނަކީ ކޮބައިކަން ބައެއް ފަރާތްތަކަށް އެނގިގެން ދިޔައެވެ. ފަހުން އެ އަންހެނުންވަނީ އެމީހުން ދިން ހެކިބަސް އަނބުރާ ގެނެސްފައެވެ. އެ ހެކިބަސް ގެނައީ ނުފޫޒު ފޯރުވައިގެންކަމަށް އެއިރުވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރިއެވެ. އޭގެ ފަހުން އަލީ ވަހީދު އަނބުރާ ރާއްޖެއަށް އައިސް ސިޔާސީ މަސައްކަތްތައް ފެށިއެވެ.

އަދި މިހާރު އޭނާއަކީ ރައީސް އިބްރާހީމު އެ ޕާޓީއެއްގެ އެޑްވައިޒަރުކަމުގައި ހުންނެވި އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.

މި ލިއުމާއި ގުޅޭ