ނިމުނު އެމްޑީޕީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި, ދައުވާ ކުރެވޭ ނަމަ އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހޯދާފައިވާއިރު، އެ މައްސަލައާ މެދު މަޝްވަރާ ކުރުމަށް ފަހު އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބަދަލުގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާއިން ނުހައްގުން ދީފައިވާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޖީނާއީ ތަހުގީގެއް ހިންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެއީ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި, ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި, ސެޓްލްމަންޓް އެގްރީމަންޓް ތަކަށް ވާސިލް ވުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.
މިއަދު ޖަލްސާގައި އެ ގޮތަށް ފާސްކޮށްފައިވަނީ 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ރައީސް އިބްރާހީމުގެ ވެރިކަމުގައި ވަކި އުސޫލެއް ނެތި ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެކި ކުންފުނިތަކަށް ދޫކުރުމަށްފަހު، ފަހުން ސެޓުލްމެންޓު ކޮމިޓީއެއް އެކުލަވައިލައިގެން ވެސް ބަދަލުދިނެވެ. މި ސެޓުލްމެންޓު ކޮމިޓީންވަނީ ފަައިސާ އިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ބަދަލުތައް ހަމަޖައްސާފައެވެ.