ކުރީގެ ރައީސްކަން ކުރުމަކީ ރައްޔިތުންގެ މުދަލާއި ފައިސާއިން ވައްކަން ކުރުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށާއި, ކޮންމެ މީހަކު ކުރިނަމަވެސް އެފަދަ މައްސަލަތައް ތަހުގީގުކުރަން ޖެހޭ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީ ވެރިކަމުގައި ރައީސް އޮފީހުގައި ކޮމިޓީއެއް ހަދައިގެން ރައްޔިތުންގެ މުދަލާިއ ފައިސާ އެކި ފަރާތްތަކަށް ބަހާފައިވާއިރު, ރައްޔިތުންގެ މުދާ ގާތް މީހުންނަށް ބެހުމަކީ މީގެކުރިން ރާއްޖޭގެ ތާރީޚުގައި ވެސް ހިނގަފައިވާ ކަމެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އާއިލާ ބޭފުޅުންނަށް ރިސޯޓު ހެދުމުގެ ނަމުގައި އެތަށް އަހަރަކަށް ރަށްރަށް ދީފައިވާކަން އަޒާން ވަނީ ފާހަގަ ކުރައްވާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް އާއި ފައްޔާޒް އިސްމާއީލް ހިމެނޭހެން ތިން މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ އޮފީހުގައި އެދެން ކޮމިޓީން ނިންމާފަިއވާއިރު, މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ތިއްބެވި އެމްޑީޕީ މެންބަރުން ވަނީ އެކަމަކީ ޒާތީ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަޒާން ވިދާޅުވީ މީގެކުރިންވެސް ބަދަލުގެ ގޮތުގައި އެއްޗެއް ދޭނަމަ އެކަން ކުރަނީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށެވެ. ނަމަވެސް މިއީ އެގޮތަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި, އެފަދަ ތަހުގީގެއް ހިންގައި ދައުވާ ކުރެވޭނެ ހާލަތެއް ވާނަމަ އެކަން ކުރުމަށް އެންގުމަކީ މާލިއްޔަތު ކޮމިޓީއަށް ލިބިގެންވާ ބާރެއް ކަން މެންބަރު ފާހަގަ ކުރެއްވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ހަނީމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ ވަކި ބައެއްގެ ނަން ޖެހައިގެން އެކަން ކުރުމަކީ ސިޔާސީ ވުން ކަމަށެވެ.
"ތިބޭފުޅުންގެ ސަރުކާރެއް, ތިބޭފުޅުންގެ މަޖިލިސް މެޖޯރިޓީ އޮތީ. އެހެންވީމާ ކުރީ ސަރުކާރުން ގޯހެއް ވާނަމަ ފިޔަވަޅު އެޅުމަކީ ސަރުކާރުގައި އޮންނަ މެކޭނިޒަމް ތެރެއިން ކުރެވޭނެ ކަމެއް. އެހެންވީމާ މިތަނަށް ގެނެސްފައި ވަކި ބައެއްގެ ނަން ޖަހާފައި ވަކި ކަމެއް އޮތްތޯ ބަލައި ދޭށޭ ބުނީމާ އެވަނީ ސިޔާސީ. ސިޔާސީ ބޭނުމެއްގައި ކުރާ ސިޔާސީ މަސައްކަތެއް މިއީ", ޣަފޫރު ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި އަޒާން ވިދާޅުވީ މިހާ ގިނަ އަހަރުތަކެއް ވަންދެން މަޖިލިހުގައި އިންނެވި އިރުވެސް މާލިއްޔަތު ކޮމިޓީގެ ޒިންމާ ތަކާއި މަސްއޫލިއްޔަތުތައް މެންބަރަށް އެނގިނުލައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ދައުލަތުގެ ފައިސާ ޚަރަދު ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަކީ ކޮމިޓީގެ ޒިންމާއެއްކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް މަޖިލީހުގެ މިފަދަ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ.
"މީގައި ވަކި ބައެއްގެ ނަންތައް ލިޔެފަ މި އޮތީ އެކަމާ ޒިންމާވާ ފަރާތްތައް އެއްގޮތަކަށް ވެސް ވަކި ސިޔާސީ މީހަކަށް ވީމައެއް ނޫން. އެ ވަގުތު އެތާ ކޮންމެ މީހަކު ހުއްޓަސް އެ މީހެއްގެ ނަން ރިޕޯޓުގައި އޮންނާނެ. ކުރީގެ ރައީސްކަން ކުރުމަކީ ވައްކަން ކުރަން ލިބޭ ލައިސަންސެއް ނޫން. އަދި އެއީ އިމްޕިއުނިޓީ ލިބޭ ކަމެއް ވެސް ނޫން. ބޭނުން ގޮތަކަށް ވައްކަން ކޮށްފައި ދެން ތިމަންނަ އަކީ ކުރީގެ ރައީސް އޭ. ތިމަންނަ އަކީ މިހާރު ޕާޓީއެއްގެ ޗެއާ ޕާސަން އޭ. ތިމަންނަ އަށް ދައުވާ ކޮށްގެން ނުވާނެއޭ. އެއީ ސިޔާސީ ދައުވާ އެކޭ. އެހެންނެއް ނުވާނެ. އަޅުގަނޑު ކުރިޔަސް ތިބޭފުޅުން ކުރިޔަސް ކުރީގެ ރައީސް އިބްރާހީމް ކުރިއަސް ވައްކަމެއް ކޮށްފިއްޔާ ބަލަން ޖެހޭނެ", އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ އެމީހަކު ހުރި މަގާމާއި ހައިސިއްޔަތަށް ގާނުނުން ނުބަލާނެ ކަމަށާއި, ކޮންމެ މީހަކު ކުރި ނަމަވެސް ވައްކަމެއް ކޮށްފައިވާނަމަ އެކަން ބަލަން ޖެހޭ ކަމަށެވެ.
ނިމުނު އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށާއި ބަދަލު ދިނުމުގެ ނަމުގައި ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އަޒާން ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމުގެ ވެރިކަމުގެ ކުރީ ކޮޅުގައި ވަކި އުސޫލެއް ނެތި ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އެކި ކުންފުނިތަކަށް ދޫކުރުމަށްފަހު، ވެރިކަމުގެ ފަހުކޮޅުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލާ، އެ އުސޫލުގެ ދަށުން ބަދަލު ދިނުމަށް ސެޓުލްމެންޓު ކޮމިޓީއެއް އެކުލަވައިލިއެވެ.
މި ސެޓުލްމެންޓު ކޮމިޓީންވަނީ ފަައިސާއާއި ހަރުމުދަލުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މުދަލާއި ފައިސާ ބަހައިލައިފައެވެ.