ޓުއަރިޒަމް މިނިސްޓަރުގަމުގައި ހުންނެވިއިރު ގިނަ އަދަދެއްގެ އަންހެނުން މުވައްޒަފުންނަށް ޖިންސީ އަނިޔާ ދިނުމުގެ ތުހުމަތުގައި މިނިސްޓަރު ކަމުން ވަކިކުރެވުނު ކުރީގެ މިނިސްޓަރު އަލީ ވަހީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
އަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އެ މައްސަލަ ފެންމަތިވުމުން ރައީސް އިބްރާހީމް ވަނީ އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރައްވާފައެވެ. އަދި އަނިޔާލިބުނު ފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލު ރައީސްއާއި ހިއްސާކުރުމުން ރައީސް ވަރަށް ގަދަޔަށް ކީރިތިކުރެއްވިއެވެ. އެފަހުން އަލީ ވަހީދުގެ މައްޗަށް އެ މައްސަލާގައި ދައުވާ އުފުލާފައިވަނިކޮށް އޭނާވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ.
އިނގިރޭސިވިލާތުގައި ހުރުމަށްފަހު އަލީ ވަހީދު ރާއްޖެއައިސްފައިވަނީ އެ މައްސަލައިގެ ދައުވާތަށް ރައީސް އިބްރާހީމްގެ އަމުރަށް ޕީޖީ އޮފީހުން އަނބުރާ ގެންދިޔުމުންނެވެ. އިނގިރޭސިވިލާތުގައި ހުންނެވިއިރު އަލީ ވަހީދު ވަނީ ރައީސް އިބްރާހީމަށް ގިނަގުނަ ތުހުމަތުތައްކޮށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. ރިޔާސީ އިންތިހާބުގައި އަލީ ވަހީދު އުޅުއްވީ ޤާސިމް އިބްރާހީމްގެ ކެމްޕެއިނުގައެވެ. ފުރަތަމަ ބުރުން ޤާސިމް އިބްރާހީމަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތުމުން ޤާސިމްގެ ތާއީދު ރައީސް އިބްރާހީމަށް ހޯދައި ދިނުމަށް އެންމެ ގަދަޔަށް މަސައްކަތްކުރީ އަލީ ވަހީދެވެ.
އެހެން ނަމަވެސް ޤާސިމް އެއްވެސް ފަރާތަކަށް ތާއީދު ނުކުރަން ނިންމުމުން އަލީ ވަހީދު ދެން މަސައްކަތްކުރީ އިދިކޮޅު ޕީޕީއެމްއާއި ގުޅުމަށެވެ. ނަމަވެސް އަލީ ވަހީދަށް ކުރެވޭ ހަޑިމުޑުދާރު ތުހުމަތުތައް ހުރުމުން އެ ޕާޓީން ވަނީ އަލީ ވަހީދު ނުގެންނަން ނިންމާފައެވެ.
އެއާއި އެކު އަލީ ވަހީދު ވަނީ މުލިޔާގޭގައި ރައީސް އިބްރާހީމާއި ބައްދަލުކުރައްވާ, އެމަނިކުފާނާއި ގުޅުމަށް ނިންމާފައެވެ. އެހެން ނަމަވެސް ކެމްޕެއިނުގައި އެހާ ފާޅުގައި ނޫޅުމަށް ރައީސް އިބްރާހީމް ވަނީ އަލީ ވަހީދު ގެ އަރިހުން އެދިވަޑައިގެންފައެވެ.