މަސައްކަތްތައް އިތުރުވެފައިވާ ވަގުތެއްގައި، އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމަކީ ދިމާވެފައިވާ ގޮންޖެހުމެއްކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ބުނެފިއެވެ.
މިކަން އެންސްޕާއިން ފާހަގަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ ހުށަހެޅިފައިވާ ޕެޓިޝަނަކާ ގުޅިގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގައެވެ.
"ކޮންމެ ފޯމަކީ ލިބިފައި ހުންނަ ޑޮކިއުމަންޓުތަކާއި ފައިސާގެ ރަސީދުތަކާއި، ޚަރަދުތަކުގެ ސަބަބުތައް އަޅާކިޔައި، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކާއި އުސޫލުތަކެއްގެ ތެރެއިން އެޕްރޫވްކުރަންޖެހޭ ކަންކަން،" އެންސްޕާގެ ބޭފުޅުން ވިދާޅުވިއެވެ.
މި މަސައްކަތްތައް ފަސޭހަކުރުމަށްޓަކައި، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓްރޭޑް ނެޓާ އެކު ސިސްޓަމް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އޮންލައިން ޕްލެޓްފޯމެއްގެ ޒަރީއާއިން މި މަސައްކަތްތައް ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.