Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީއަށް ތިން މަހުން 25 މިލިއަށް ރުފިޔާ

އެންސްޕާ މެދުވެރިކޮށް ނުކުޅެެދުންތެރިކަން ހުންނަ މީހުންގެ ތެރަޕިއުޓިކް ފަރުވާއަށް މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 25 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އެ އޭޖެންސީން ބުނެފިއެވެ.

އެ އޭޖެންސީން މިކަން ހާމަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރެޕީ ޚިދުމަތް ބޭނުންވާ ކިތައް ފަރާތް އެންސްޕާގައި ރަޖިސްޓްރީ ކުރެވިފައި ވޭތޯއާއި އަދި އޭގެތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅެނީ ކިތައް ފަރާތްކަން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރައްވައިފައިވާ ސުވާލުގެ ޖަވާބުގައެވެ.

އެންސްޕާއިން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް 675 ފަރާތަކަށް އެހީ ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި ޕްރޮގްރާމު މެދުވެރިކޮށް 18 އަހަރުން ދަށުގެ 652 ކުދިންނަށް އެހީ ހަމަޖައްސައިދީފައިވެއެވެ. އެއީ ޖުމްލަ 24.8 މިލިއަން ރުފިޔާއެވެ. އޭގެތެރެއިން ރާއްޖެއިން ބޭރުގައި ހިމެނޭ 30 ކުދިން ހިމެނޭއިރު، އެ ކުދިންނަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ޖުމްލަ 25.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ތެރެޕިއުޓިކް ފަރުވާއަށް މިދިޔަ އަހަރު 96.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެގޮތުން، މި ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ އަހަރު 1،087 މީހަކަށް ޖުމްލަ 96.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

  • - 18 އަހަރުން ދަށުގެ 1،031 ކުދިންނަށް 94 މިލިއަން ރުފިޔާ
  • - ރާއްޖެއިން ބޭރުގައި ދިރިއުޅޭ 54 ކުއްޖަކަށް 4.2 މިލިއަން ރުފިޔާ

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ފާއިތުވި ހަފްތާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. މި ބައްދަލުވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ވަނީ އެ ކުދިންނަށް ދެމުންދާ ތެރަޕީތަކާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން އެކުދިންނަަށް ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.
މިނިސްޓަރު ވަނީ ބެލެނިވެރިންގެ ކަންބޮޑުވުން އަޑު އައްސަވާ އެކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތާއި ކުރެވެން ހުރި ކަންކަން ހިއްސާކޮށްފައެވެ.

މި ލިއުމާއި ގުޅޭ