Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ރައީސްގެ މަސައްކަތްޕުޅާއިއެކު ރާއްޖެ ބެލެހެއްޓުމުގެ އަމިއްލަ ބާރު ސިފައިންނަށް ލިބޭނެ – ޗީފް ހިލްމީ

މި ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ މަތިވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ސިފައިން ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްޕުޅުގެ ސަބަބުން ޢަސްކަރީ ގޮތުން ޤާބިލު ބަޔަކަށް ދިވެހި ސިފައިންވެ ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައި އަމިއްލަ ބާރު ހުރި ބައެއްގެ ގޮތުގައި ސިފައިން ވެގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން ގެންދާ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ޙިލްމީ ވިދާޅުވީ މި ރިޔާސީ ދައުރުގައި ސިފައިން ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާތައް މިހާރު ވެސް އަންނަނީ ފެންނަމުންނެވެ.

"އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ބޭރަށް ބަރޯސާވެގެން އަޅުގަނޑުމެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރިން އޮތް ނިޒާމު ބަދަލުކުރެވި، އަޅުގަނޑުމެން އަޅުގަނޑުމެން އަމިއްލަ ބާރުވެރިކަމާއި އެކީގައި ސަރަހައްދު ބެލެހެއްޓުމުގައި ޤާބިލުކަން އަޅުގަނޑުމެންނަށް ލިބިގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދާނެ." ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ.

ޙިލްމީ ވިދާޅުވީ ސިފައިންގެ ދުވަހުގެ ގޮތުގައި ކޮންމެ ދުވަހެއް ފާހަގަ ކުރި ނަމަވެސް އަދި ސިފައިންގެ ދުވަސް ފާހަގަ ކުރަން ފެށުމުގެ ކުރިން ވެސް ސިފައިންނަކީ ރާއްޖޭގައި މިނިވަންކަން ދިފާޢުކުރުމަށް ޓަކައި މަތިވެރި ގުރްމާނީތަކެއް ވެފައި ތިބި ބައެއް ކަމަށެވެ.

"ސިފައިންގެ އަހަރީ ދުވަހުގެ ގޮތުގައި މި ފާހަގަކުރާ 21 އެޕްރީލަކީ 1892 ވަނަ އަހަރު ސިފައިން އުފެދުނު ތާރީޚެއްކަމުގައި ބަލައި 1992 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ތާރީޚެއް. އޭގެ ކުރިން 1947 ވަނަ އަހަރުން ފެށިގެން އަހަރީ ދުވަސްކަމުގައި ފާހަގަކުރަމުން އައިސްފައި ވަނީ 06 ޖޫން. މި ތާރީޚުތައް މިހެން އޮތްކަމުގައި ވީނަމަވެސް ދިވެހި ސިފައިންނަކީ މީގެކުރީގައިވެސް ރާއްޖެ ދިފާޢުކުރުމަށްޓަކައި މަތިވެރި ޤުރުބާނީތަކެއް ވެފައި ތިބި ބައެއް. އަޅުގަނޑުމެންނަށް ތާރީޚު އެނގޭ ގޮތުގައި 1892 އަހަރުގެ ކުރިންވެސް ރާއްޖޭގައި މިނިވަންކަން ދިފާޢުކުރުމަށް ޓަކައި ދިވެހި ސިފައިން މި ވަނީ މަތިވެރި ގުރުބާނީތަކެއް ވެފައި. އަދި މި ހަނގުރާމަތަކުގައި އެތަކެއް ބަޔަކު ވަނީ ޝަހީދުވެގެންވެސް ގޮސްފައި." ޙިލްމީ ވިދާޅުވިއެވެ.

ޙިލްމީ ވިދާޅުވީ ސފައިންނަކީ ސިފައިން ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިބެ، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސައުވީސް ގަޑިއިރު އަބަދުވެސް ތައްޔާރަށް ތިބި ބައެއް ކަމަށެވެ. ސިފައިންގެ ޔުނީފޯމް އަޅައިގެން ސިފައިން މަސައްކަތްކުރަމުން މި ގެންދަނީ އެކަން ގަބޫލުކޮށް، ސިފައިންނަކީ އަބަދުވެސް ސައުވީސް ގަޑިއިރު ޚިދުމަތުގައި ދެމިތިބޭ ދެމި ތިބެންޖެހޭ ބައެއްގެ ގޮތުގައި ގަބޫލުކޮށްގެން ކަމަށް ޙިލްމީ ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަމުންދާ މުނާސަބާގައި ފާހަގަކޮށްލަން ބޭނުންވާ އެއް ކަމަކީ، އަދި ދޭން ބޭނުންވާ ނަސޭހަތަކީ ވެސް ސިފައިންނަކީ އަބަދުވެސް އަޅުގަނޑުމެން ކޮށްފައިވާ ހުވައިގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބައެއްގެ ގޮތުގައި ދެމިތިބުން. އަދި އަޅުގަނޑުމެންނަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސައުވީސް ގަޑި ޚިދުމަތުގައި ދެމިތިބޭ ބައެއްކަން އަޅުގަނޑުމެން އަބަދުވެސް ހަދާނުގައި ބެހެއްޓުން." ޙިލްމީ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ