މިއަދު ހަވީރު ކުރިއަށްދާ ސިފައިންގެ ޕެރޭޑު ދިޔުމަށް ހަމަޖެހިފައިވާ މަގުތަކުގައި ޕާކު ނުކުރަން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން، މިއަދު ހަވީރު ޕެރޭޑު ކުރިއަށްދާ މަގުތަކުން އުޅަނދުތައް ނެގުމުގެ މަސައްކަތް އެ ހިދުމަތުން ކުރަމުން އަންނަ ކަމަށެވެ. އަދި މި މަގުތަކުގައި ޕާކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ޕެރޭޑު ކުރިއަށް ދާނީ އަމީރު އަހުމަދު މަގާއި، ސޯސަން މަގު، މަޖީދީގެ މަގުގެ އިތުރުން މާފަންނު ބޮޑުތަކުރުފާނު މަގުން ބައެއްގަ އެވެ. މި ޕެރޭޑުގައި ފަސް ސަރަހައްދަކަށް ހުއްޓާނެ އެވެ.
މި ހިނގާލުމުގައި ހުއްޓޭނެ ސަރަހައްދުތަކަކީ:
- އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި،
- ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި،
- މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި،
- މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި
- ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި އެކިއެކި ޚިދުމަތްތައް ދައްކުވައިދޭނެއެވެ.