ދިވެހި ސިފައިންނަށް މި ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކާ މެދު ޤައުމީ ލޯބި ހުރި ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވާން ޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ ބިޔަ ބޮޑު އިޤްތިޞާދީ ސަރަޙައްދު އޮތީ ހިމާޔަތް ނުކުރެވިފައެވެ. "އެކަން އެއީ ފެށުމެއް. އެ މަސައްކަތް ފުރިހަމަ ކުރުމުގެ މަސައްކަތް އެ ދަނީ ކުރިއަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާއި، އެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރު މިނުގައި ކުރިއަށް ކަމަށެވެ. އަދި އެއްގަމުގެ ބާރު ވެސް ވަރުގަދަކުރުމާއި ކެޕޭސިޓީ އަދި ވަސީލަތްތައް އިތުރުކުރުމަކީ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ފަދައިން، އުތުރާއި ދެކުނުގައި ވައިގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، މިއީ ރާއްޖޭގެ މިނިވަން، މުސްތަޤިއްލު، ޤައުމުގެ އިޤްތިޞާދީ ސަރަޙައްދު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސިފައިންނަށް ލިބޭ ކުރިއެރުމަށް މަލާމާތްކުރާ މީހުންނާ މެދު ރައީސް މުއިއްޒު ވަރަށް ހަރުކަށި އިބާރާތުން ވާހަކަފުޅު ދެއްކެވިއެވެ. އެފަދަ މީހުންނަކީ ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަން އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ޤައުމު ކޮންމެ ފަދަ ގޮތަކަށް ވިޔަސް ވަރިހަމަ ވިސްނުމުގެ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ވިސްނުމުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.