ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުން ނޯމަލައިޒްވެގެން ދިއުމުގެ ފުރުސަތު ނުދޭނެ ކަމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނީ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޑައިމީސްކޮށް މަލާމާތް ރައްދުވާ ގޮތަށް ދެއްކި ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ޓީވީން 2025 މާރިޗު 24 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް، މީގެތެރެއިން ޚާއްޞަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކާއި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވަޔަކުން އެފަރާތްތަކަށް ނިސްބަތްކޮށް ވާހަކަ ދައްކާ ޢަމަލުކޮށްފައިވާތީ، އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
އެ ކަމަކީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންމިދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެފަދަ ކަންކަން ތަކުރާރުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތައް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުން ނޯމަލައިޒްވެގެން ދިއުމުގެ ފުރުސަތު އޮތްކަމެއް ކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
"އެހެންކަމުން މިކަންކަމަށް ރިއާޔަތްކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޮމް ހުންނަ ފަރާތްތަކާއި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްކޮށް ވާހަކަދައްކާފައިވާތީ، މިކަން މި މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން މިކަމާ ގުޅިގެން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖެ ޓީވީ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓްރީއިން ވާނީ ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައެވެ،" ބަޔާނުގައި ވެއެވެ.
ދިވެހި މުޖްތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަމާ އަޅާލުމާ ލޯބި ލިބެން ޖެހޭ އެންމެހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާ ޙައްޤުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާކަމެއް ރޭވުމަށާއި، ޒަމާނުއްސުރެ މީޑިޔާގައި މިފަދަ ފަރާތްތަކަށް ދެމުން އައި އޯގާތެރިކަމާއި ލޯތްބަށް އުނިކަމެއް ލިބިދާނެ އެންމެހާ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަތައް މީޑިއާއިން ނުގެެނެސްދިނުމަށް އެދިފައެވެ. އަދި އެ ކަން ކުށްވެރިކޮށް މައްސަލަ ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ވެސް ވަނީ ގޮވާލާފައެވެ.