ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއި އެމްއެމްޕީއާރްސީގެ ބައެއް ވެރިން، ޓިކްޓޮކްގެ އިސް ވަފުދާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޤާނޫނީ ގޮތުން ކުރެވިދާނެ ކަންކަމާއި އެހެނިހެން މުހިންމު ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ބައްދަލުވުމުގައި، ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ޓިކްޓޮކް ޕްލެޓްފޯމްގެ މައިގަނޑު ސިފަތަކާއި ބޭނުންކުރާ ގޮތްތަކާ ބެހޭ ގޮތުން ޓިކްޓޮކްގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި ކުރިއެރުން ހޯދުމަށާއި، އާ ގޮތްތައް ތަޢާރަފުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ހޯދުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.