ސަތޭކައަށް ވުރެ ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް ނޭޝެނަލް ޑްރަގް އޭޖެންސީން ހާމަކޮށްފިއެވެ.
ފަރުވާގެ ޚިދުމަތް ދެވޭ ތަންތަން ހާމަކޮށް އެންޑީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ އެ އޭޖެންސީ އާއި ކައުންސިލް އިދާރާތަކާއި، ސިއްޚީ ޚިދުމަތްދޭ މަރުކަޒުތައް ގުޅިގެން ސަތޭކައަށް ވުރެ ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
އަދި ފަރުވާގެ ޚިދުމަތް މާލޭގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ސާވިސް ސެންޓަރުންނާއި ގަގަން ކްލިނިކް، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭ ހައުސް އަދި ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ލިބޭނެކަން އެންޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ގއ. ވިލިނގިލި- ދަގެނާ އާއި ގދ. ގައްދޫގައި ގާއިމްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުންވެސް ފަރުވާގެ ޚިދުމަތް ލިިބިގެންދާނެއެވެ.
އެންޑީއޭއިން ސަތޭކައަށް ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާދޭ މަރުކަޒުތައް 3 ރަށެއްގައި އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
މި މަރުކަޒުތައް ގާއިމުކުރާ 3 ރަށަކީ ނ. ވެލިދޫ، ކ. ކާށިދޫގެ އިތުރުން ލ. ގަމެވެ. ފަރުވާދޭ މި މަރުކަޒުތައް ނިމުމުން މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ދެވޭ ފަރުވާގެ ފުރުސަތު ގިނަ ބަޔަކަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެންޑީއޭއިން ބުނެއެވެ.