މާފަންނު ސަރަހައްދުތަކެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ދެ ސަރަހައްދެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން, މާލޭގެ ސޯޝަލް ސެންޓަރު އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ.
މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 8 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އިމިގްރޭޝަނުން ވަނީ މި ހަފުތާތެރޭގައި އެކޮމޮޑޭޝަން ބްލޮކްތަކެއް ބަލައިފާސްކޮށް ވެސް ނުގަވާއިދުން އުޅެމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ފެށި މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވެސް 4,000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއން ޑީޕޯޓުކޮށްފައެވެ.