ޖަމާއަތުގައި އުޒުވެރިން ތިބޭނެކަން ވިސްނަން ޖެހޭ ކަމަށާއި ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގެ ކިޔެވުން ކުރުކުރަން ޖެހޭ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ އިމާމުން ފިގުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައިކަން އޮތް ގޮތުގެ މައްޗަށް ފައްތައިގެން އަމަލުކުރުމަށް ދަނެގަތުމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފިގުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫނެވެ. އަޙްކާމްތައް ތަޠްބީގުކުރުމަށް ދެނެގަތުން ފުދެއެވެ.
މިސާލެއްގެ ގޮތުން، ހަތެއް ޖަހާއިރު އީދު ނަމާދު ފަށާއިރު، ހަތެއް ޖަހާއިރު ތެދު ހަށަން ބަނުމުގެ ބަދަލުގައި ޖަމާއަތުގެ ސަފުތައް ތަރުތީބުކުރެވޭހާ ވަގުތު އޮއްވައި ތެދުވެ، ސަފުތައް ތަރުތީބުކުރުމަށް ޖާގަ ދޭން ޖެހޭ ކަމުގައި މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައި ވެއެވެ.
ހަމައެހެންމެ، އެފަދައިން ފަރުޟު ނަމާދުތައް ކުރާއިރު ވެސް، އިމާމުން ވިސްނަން ޖެހޭ ކަންތައްތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރަން ޖެހޭ ކަމަށާއި ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުއްޖަކު ރޯއަޑުއިވިއްޖެނަމަ، ނަމާދު އަވަސް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ދަމުނަމާދާއި ތަރާވީސް ނަމާދުގެ ޖަމާއަތުގައި ގިނައިރު ރުކޫއާއި ސަޖިދައިގައި ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ތިބޭނެކަން ވިސްނަން ޖެހޭ ކަމަށާއި ގަދަ އަވީގައި ނުވަތަ ވިއްސާރައިގައި ޖަމާއަތް ކުރުކުރަން ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަދި އަދި އެއް ބަޔަކު އަނެއް ބަޔަކަށް ގުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީޘްގައި ނަހީ ކުރައްވާފައިވާ ކަމަކަށް ވީހިނދު، ކައިރީގައި ހުރި މިސްކިތްތަކާއި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލި މީހުންނާއި ނިދާފައި ތިބޭ ކުޑަކުދީންނަށް ދަތިވެދާނެ ގޮތަށް އަމަލުކުރަން ނުވާނެ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް ބަންގި ގޮވާއިރު ތާޅަފިއްޔަށް އަޑު ދޭން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.