Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު

ރައީސްގެ ބޭފުޅުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން މަންދީއާއި ފައްޔާޒަށް ދައުވާ ކުރަނީ

އިދިކޮޅު އެމްޑީޕީން މި ރޯދަ މަހު ސިްލސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން މަރިޔަމް ޒުބެއިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލުގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނެރުއްވި ބަޔާން, މި މައްސަލައިގައި އެކަމަނާ ތަމްސީލް ކުރައްވާ ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ވަނީ އިއްވަވާފައެވެ.

ބަޔާނުގައި ސާޖިދާ ވިދާޅުވީ އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް ޤަޞްދު ކޮށްފައިވާ ކަމަށެވެ.

"އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީއެވެ. އަދި ހަމައެއާއެކު، އަޅުގަނޑުގެ ކުދިންގެ ރައްކާތެރިކަމާއި މުސްތަޤްބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕައާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީއެވެ", ބަޔާނުގައި ވެއެވެ. 

އަދި މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މަޢުޞޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިނގަމުންދާކަން ފާހަގަކޮށް ސާޖިދާ ވިދާޅުވީ ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލުކުރައްވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން އާޒިމާ ވިދާޅުވީ ރައީސްގެ އެންމެ ތުއްޕުޅު ދަރިކަލުންގެ ފޮޓޯ އާއި ދަރިކަލުންގެ އިތުރު ފޮޓޯތައް އާންމުކޮށް އިދިކޮޅުން މަސައްކަތްކުރަނީ ހޭޓް ސްޕީޗު ފެތުރުމަށް ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

މި ސަރުކާރުން ޒުވާނުންނަށް "ބިޑި އޮޅަން" ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރަން ފެށުމުން ކަމަށް މީކާއީލް ނަސީމްގެ މަންމަ މަންދީ ބުނެފައިވާއިރު, ފައްޔާޒް ވެސް ވަނީ އެ ވާހަކަތަކަށް ބާރު ލިއްބައިދޭ ވާހަކަތަކެއް ޓްވީޓް ކޮށްފައެވެ.

އާޒިމާ ވިދާޅުވީ ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ދެއްކި ވާހަކަތަކަށް ދައުވާ އުފުުލުމަށް ނިންމާފައިވާއިރު, ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓް ކޮށްފައިވާތީއެވެ. އަދި ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންނަށް މިހާތަނަށް މި ޕްރެސް ކޮންފަރެންސް ބޭއްވުމާ ހަމައަށް ދިރާސާކޮށް ދައުވާ ކުރަން ނިންމާފައިވާ މީހުން. އަޅުގަނޑުމެން އިތުރަށް ދިރާސާ ކުރުމަށް ފަހު އިތުރު ފަރާތަކަށް ދައުވާ ކުރަން ޖެހިއްޖެ ނަމަ ކުރާނަން", އާޒިމާ ވިދާޅުވިއެވެ.

މި މައްސަލައިގައި މިހާތަނަށް ނިންމާފައިވަނީ މި ކަމުގައި ހިމެނޭ މަދަނީ މައްސަލަތައް ކުރިއަށް ގެންދިޔުމަށެވެ. ޖިނާއީ ދައުވާކުރުމާއި އެ މައްސަލަތައް ބެލުމުގެ ތެރެއަށް ރައީސްގެ އާއިލާއިން ނުވަންނާނެއެވެ.

މި ލިއުމާއި ގުޅޭ