ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތައް އިލެކްޝަންސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީން މި ރޯދަ މަހުގެ ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި ހަމަޖެހުން ނަގާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ ރޭ ބޭއްވި އެއްވުމުގައި މަންދީ ވަނީ ރައީސްގެ ދަރިކަލުންނައި ގުޅުވައި ސާބިތު ނުހިފޭ ޒާތުގެ ވާހަކަ ދައްކާފައެވެ.
އޭނާ ބުނި ގޮތުގައި މި ސަރުކާރުން ޒުވާނުންނަށް "ބިޑި އޮޅަން" ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރަން ފެށުމުންނެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ޚާއްޞަކޮށް ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން ކުށްވެރި ކުރާ ކަމަށް ވެސް އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީން ބޭއްވި މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބްކޮށް ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ވަނީ ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައިވުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއްނޫން ކަން ފާހަގަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކަށް ވެސް ގޮވާލާފައެވެ.
"ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 19/2019 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު( އާއި، ކުޑަކުދިންގެ ހައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތަކުންވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް މި ކޮމިޝަނުން ގޮވާލަމެވެ", އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.