މަސްޖިދުއްނަބަވީގެ އިމާމު އަދި ހަތީބު ފަޟީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރުގެ ދަރުހެއް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ޑރ. ޞަލާހުލް މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ބުނީ މި ތާރީޚީ ދަތުރުފުޅުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.
މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ހުއްދަ ދެއްވީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައެވެ.
މި ދަތުރުފުޅުގެ ތެރެއިން ޑރ. ޞަލާޙުލް ބުދައިރު، އަންނަ ބުދަ ދުވަހު ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމުވެ މަޢްރިބު ނަމާދާއި ޢިޝާ ނަމާދު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެއަށްފަހު އެމަނިކުފާނު ދެއްވާ ބޮޑު ދަރުސް ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. މި ދަރުސްގެ ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއެވެ.
އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ވެސް ޑރ. ޞަލާޙުލް އެވެ.
މީގެއިތުރުން، މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލު ކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރެއްވުމުގެ އިތުރުން، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާނެ ކަމަށް ވެސް މައުލޫމާތު ދެއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.