Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

މުދަލު ޒަކާތް ވާޖިބުވާ ނިސާބު 9،264 ރުފިޔާއަށް

ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު އައިސްފައިވާކަން ޒަކާތު ހައުސްއިން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން ރިހީގެ ގްރާމަކަށް 15.57 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 9،264.15 ރުފިޔާއަކީ ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަން ވަނީ ހާމަކޮށްފައެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ މަރުކަޒީ ބޭންކުންނެވެ. ރިހީގެ އަގު މިހާރު ހުރީ ގްރާމަކަށް 15.57 ރުފިޔާގައި ކަމަށްވާއިރު، ރަނުގެ އަގު ހުރީ ގްރާމަކަށް 1،601.52 ގައެވެ.

ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުން ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ޒަކާތް ނެރުން ވާޖިބުވާ ނިސާބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 8800.05 ރުފިޔާއެވެ.

މި ލިއުމާއި ގުޅޭ