ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 10 ދުވަސްތެރޭ ކެމްޕެއިން ޕޯސްޓަރުތައް ނަގަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމައީލް ހަބީބް ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް އިން އިއުލާންކުރަން ފެށީ އިއްޔެ އެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގައި ވާގޮތުން މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ބެހެއްޓި ތަންތަނުން އެ ތަކެތި ނެގުމަކީ ކެންޑިޑޭޓުންނަށް ލާޒިމް ކަމެއް ކަމަށެވެ.
ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރި އެވެ. އެ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގިނަ އަދަދެއްގެ ޕޯސްޓަރުތަކާއި ބޯޑުތައް ހަރުކޮށްފައި އެބަހުއްޓެވެ.
މޫސުން ގޯސްވެ ވައިގަދަވާ ދުވަސްތަކުގައި ބޮޑެތި ކެމްޕެއިން ބޯޑުތައް ވެއްޓުމުގެ ހާދިސާތައް ވެސް މިދިޔަ ހަފްތާގައި ވަނީ ހިނގާފަ އެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފަ އެވެ. އެގޮތުން، ވިހިވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 73 މެންބަރުން ތިބޭނެ އެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ 12 ގޮނޑި އެވެ.