އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސްގެ މަގާމަށް، އެ ކޮމިޝަންގެ މެންބަރު އަލީ ނަޝާތު އައްޔަންކޮށްފި އެވެ.
ނަޝާތު އެ މަގާމަށް އައްޔަންކުރެއްވީ އީސީގެ ނައިބު ރައީސް ކަމުގައި ކުރިން ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެކަން ހާމަކޮށް އީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހަބީބުގެ މެންބަރުކަމުގެ ދައުރު އިއްޔެގެ ނިޔަލަށް ހަމަވެފައިވާތީ، މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާއިން، އީސީގެ ނައިބު ރައީސްގެ މަގާމަށް ނަޝާތު އައްޔަންކޮށްފައިވާ ކަމަށެވެ.
މީގެ 21 އަހަރު ކުރިން ހަބީބު އީސީއާ ގުޅިވަޑައިގެންނެވީ އިދާރީ މުވައްޒަފެއްގެ ގޮތުގަ އެވެ. އެއަށްފަހު މެންބަރަކަށް ވެވަޑައިގެން، އިއްޔެގެ ނިޔަލަށް ފަސް އަހަރުގެ ދެ ދައުރު ވަނީ ފުރިހަމަކުރައްވާފަ އެވެ.
އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށްވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރުކަމުގައި ނުރުހެވޭތީ، އެ ދައުރު ހަމަވުމާއެކު ހަބީބް މިއަދު ވަނީ އީސީން ވަކިވެވަޑައިގެންފަ އެވެ.
އިލެކްޝަންސް ކޮމިޝަން މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ މާޗު 13، 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ގަ އެވެ.