އަމިއްލަގޮތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން ހޮވިފައިވާ މެންބަރުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލީހަށް އެންގުމުން، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ގޮނޑި ގެއްލޭނެތޯ، އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ސުވާލު އުފައްދަވައިފި އެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވަނީ، އެންޓި-ޑިފެކްޝަން ޤާނޫނުން، މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތަކާ ގުޅޭގޮތުން ސުވާލު އުފައްދަވާފަ އެވެ.
އެގޮތުން، އިންތިހާބުގައި ކެންޑިޑޭޓަކު އަމިއްލަގޮތުން ވާދަކޮށް މަޖިލީހަށް ހޮވުނުއިރު އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް، އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެހެންކަމަށް ވާނަމަ އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މަޢުލޫމާތު އީސީން މަޖިލީހަށް ފޮނުވުމުން މެންބަރުގެ ގޮނޑި ގެއްލޭނެތޯ ހަބީބް ސުވާލު އުފެއްދެވި އެވެ.
ދެވަނަ ހާލަތަކަށް ހަބީބް ވަނީ، މަޖިލީހުގެ އިންތިހާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވައިގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ޙައިސިއްޔަތުން އިންތިހާބުވި މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް ވެއްދުމުން އީސީން އެ މަޢުލޫމާތު މަޖިލީހަށް ފޮނުވުމުން ވާނެ ގޮތަކާމެދު ވެސް ސުވާލު އުފައްދަވާފަ އެވެ.
ހަބީބް ވިދާޅުވީ އެ ދެ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ވާހަކަ އެންޓި ޑިފެކްޝަން ގާނޫނުގައި ހިމަނާފައި ނެތް ކަމަށެވެ.
"އަދި ހަމަ އެއަށްވުރެ ބޮޑަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތުންކުރެ ހާލަތަކަށް އިސްވެ ދެންނެވުނު ގާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަގާމުން ވަކިވާނޭ ހާލަތު އާދޭތޯ މި ސުވާލުވެސް އަޅުގަނޑުގެ ހިތުގައި އުފެދޭތީ މި ހިޔާލު ފާޅުކޮށްލީ،" ހަބީބް ވިދާޅުވި އެވެ.
ޕާޓީ ބަދަލުކުރުމުން އަމިއްލައަށް އިސްތިއުފާދޭންޖެހޭގޮތައް އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވީ މި މަހު އެވެ. އެ ގާނޫނުގައި ވާގޮތުން، މަޖިލީހަށް މެންބަރު އިންތިހާބުވާއިރު ހުންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭނެ އެވެ.