ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ކަމުގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަނަސް އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އަނަސްއަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަނަސް އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. އަނަސް މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ މި މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރައްވާފައި ވާތީއެވެ. އޭނާ މަގާމުން ވަކި ކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ.