Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ރާއްޖެއަށްޓަކައި ރައީސް ކުރައްވާ މަސައްކަތްޕުޅަށް ގާސިމްގެ ތައުރީފް

ދިވެހިރާއްޖޭގެ މުސްތަގްބަލަށްޓަކައި ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބުރާހިމް ތައުރީފް ކުރައްވައިފިއެވެ.

ގާސިމް ރައީސްއަށް ތައުރީގްކުރައްވާފައި ވަނީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމަށްފަހު ރައީސް މުއިއްޒު އަނބުރާ މާލެ ވަޑައިގަތުމާއި ގުޅިގެން އެކްސްގައި ކުރެއވްި ޕޯސްޓެއްގައެވެ.

ގާސިމް ވިދާޅުވީ ރާއްޖެއަކީ ޖިއޮގްރަފީގޮތުން ކިތަންމެ ކުޑަ ގައުމަކަށްވިނަމަވެސް އދގެ ޢާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރައްވާ ރާއްޖެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، އަދި މުޅިދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާފައިވާކަމަށެވެ.
ނަމަވެސް މީގެ 59 އަހަރު ކުރީން ދިވެހީންގެ މިނިވަން ދިދަ އދ ގެ އިދާރާގައި ވިހުރެންފެށިފަހުން، މި ގައުމުގެ ވެރިޔަކު އދ ގައި ދިވެހި ގައުމު ތަމްސީލްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ދިވެހި ގައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިރާއްޖެއަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން، ރައީސް ޑރ. މުއިއްޒު ދައްކުވައިދެއްވާފައިވާކަމަށެވެ.

"އދ ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަޤްރީރު ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔައެވެ. ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ޚާއްސަ ކޮށް ވެރިކަމުގެ 5 އަހަރުގެ ދައުރެއް ލިބިވަޑައިގެންނަމަވެސް އދ ގައި ރާއްޖެ ތަމްސީލް ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަޤްރީރު އޮޅުން ފިލާވަޑައި ނުގަތްނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޙީގައި އެމަނިކުފާނުގެ ތަޤްރީރް އެވަނީ ހިމެނިފައެވެ. މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސް އަކީވެސް އެމަނިކުފާނު ކަމަށް އެވަނީ ތާރީޚުގައި ލިޔެވިފައެވެ. އދ ގެ 78 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ." ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް ވިދާޅުވީ ރައީސް މުއިއްޒު އދ އާންމު މަޖިލީހުގައި ދެއްވި ފުރިހަމަ ތަޤްރީރާއި އެކު އެކުހެން، އދ ގެ ޢާންމު ބައްދަލުވުމުގެ ހަވާސާ ބައްދަލުވުންތަކުގައި ރައީސް ދެއްކެވި ވާހަކަ ފުޅުތަކާއި، ތަޤުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ދުނިޔެއާރާސްތުކުރުމުގައި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި، އަދި މަސްނޫޢީ އިންޓެލިޖެންސް ގެ ތެރެއިން ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫޢުތަކަށްކަމަށާއި ދިވެހިރާއްޖޭގެ ވިންދާއި ގުޅިފައިވާ ފަލަސްޠީންގެ މައްސަލައިގައި ސިޙްޔޫނީ ދައުލަތުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަ ފުޅު މުޅި އިސްލާމީ ދުނިޔެއާއި، އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވަނީ ނުހަނު މަތީ ތަރްހީބަކާއި އެކުގައިކަމަށެވެ.

ގާސިމް ވިދާޅުވީ 2040 ވަނަ އަހަރު ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްގީވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށް ޓަކައި ރައިސް މުއިއްޒު ކުރައްވާ ތަޞައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ