ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ ބޭކާރު ޚަރަދުގެ ސަބަބުން ދައުލަތަށް ސަލާމަތް ކުރެވޭ އަދަދަށް ވުރެ މާބޮޑު އެއްޗެއް ގެއްލޭ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު އަޒާން ވިދާޅުވީ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން މަޖިލިސް މެންބަރުންގެ މުސާރައިން ވަކި އިންސައްތައެއް އުނިކުރުމަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް ހުރިހާ ދާއިރާއަކުން މުސާރައަށް ގެންނަ ބަދަލާއެކު އަހަރެއްގެ މައްޗަށް ޚަރަދުތަކުން ސަލާމަތް ކުރެވެނީ 14 މިލިއަން ރުފިޔާކަން ކޮމިޓީން ކުރި ދިރާސާއިން ފާހަގަވާކަމުގައި އަޒާން ވިދާޅުވިއެވެ.
"އެއީ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް އަޅުގަނޑުމެން ފާސްކުރި އިރު އެ ބަޖެޓުގެ ގާތްގަނޑަކަށް 0.02 އިންސައްތަ. އެހެންވީމަ މިއީ ވަރަށް އިންސިގްނިފިކެންޓް އަދަދެއް ޚަރަދު ކުޑަކުރަން ކަމެއް ކުރަން. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް އެބަހުރި ނާޒިމްވެސް ވިދާޅުވި ފަދައިން ޚަރަދު ކުޑަކުރަން ކުރެވިދާނެ އެހެން ކަންތައްތައް. ބައެއް މުއައްސަސާތައް އެއްކޮށްލުމާއި ބައެއް ބޭކާރު ތަންތަން އުވައިލުން ފަދަ ކަންކަން", އަޒާން ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އޭގެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ ބޭކާރު ޚަރަދުތައް ހުއްޓައިލެވިއްޖެ ކަމުގައި ވާނަމަ 14 މިލިއަނަށް ވުރެ މާ ބޮޑަށް ވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.
"ސަރުކާރުގެ ބައެއް ކުންފުނިތަކުން ހެވީ މެޝިނަރީ އާ ކޮޅުވެއްޓި އާއި ދޯނިފަދަ ތަކެތި ކުއްޔަށް އެބަ ނަގާ މާކެޓު ރޭޓަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް. ގާތްގަނޑަކަށް ކޮޅުވެއްޓިއެއް 50,000 ރުފިޔާއަށް ނެގީމަ އަހަރެއް ތެރޭ ހަރަދު އެބަ ކުރޭ 18 ވަރަކަށް މިލިއަން ރުފިޔާ. އެކްސްކެވޭޓަރަކަށް އެބަ ހަރަދު ކުރޭ ދުވާލަކަށް 15,000 ރުފިޔާ", އަޒާން ފާހަގަ ކުރެއްވިއެވެ.
އަޒާން ވިދާޅުވީ މާކެޓު ރޭޓަށް ވުރެ ދެ ގުނަ އަގުގައި މިފަދަ މަސައްކަތް ކުރުމުން, ދައުލަތަށް ގެއްލެމުންދާ އަދަދު, މުސާރަ ކުޑަކޮށްގެން ސަލާމަތް ކުރެވޭ 14 މިލިއަން ރުފިޔާއަށް ވުރެ މާ ބޮޑު ކަމަށެވެ. މިކަންކަން އިސްލާހު ކޮށްގެން 100 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގައި އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ބައެއް މުއައްސަސާތަކުގެ ބޭފުޅުން މަގާމަށް ވަޑައިގަންނަވަނީ ވަކި ވަރަކަށް މުސާރަ ލިބޭނެ ކަމަށް ކަނޑައަޅައި އެއާ އެކަށީގެންވާ ގޮތަށް ދިރިއުޅުމުގެ ކަންކަން ޕްލޭން ކޮށްގެން ކަމަށެވެ. މާލޭގައި ދިރިއުޅުމަކީ އަގުބޮޑު ކަމެއް ކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ ގިނަ ބޭފުޅުން މާލޭގައި ދިރިއުޅުއްވަނީ ކުއްޔަށް ކަމަށެވެ.
ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ދެ ވަޒީފާ އަދާ ކުރައްވާ ބޭފުޅުންވެސް ތިއްބަވާ ކަމަށާއި, އެހެންކަމުން ކުއްލިއަކަށް މުސާރައަށް ބަދަލެއް ގެންނަ ކަމުގައި ވަނީނަމަ އެ ބޭފުޅުންނަށް ވެސް ދަތިވާނެ ކަމަށް އަޒާން ވިދާޅުވިއެވެ. މިފަދަ ނިންމުމެއް ނިންމާއިރު އެ ހުރިހާ ކަމަކަށް ވެސް ރިއާޔަތް ކުރުން މުހިންމު ކަމުގައި މެންބަރު ފާހަގަ ކުރެއްވިއެވެ.
އެ ވާހަކަތަކާ ގުޅުވައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެތައް ބައެއްގެ ނުރުހުން ލިބޭ ގޮތަށް ދައުލަތުގެ ޚަރަދުތަކުން އެހާ ކުޑަ އަދަދެއް ސަލާމަތް ކޮށްގެން ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށާއި, ބަދަލުގައި އެހެން ދާއިރާއަކުން ޚަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓަރާ ވާހަކަ ދައްކަވަން ފެންނަކަމަށެވެ.
"އެހެން މަގުތަކެއް މީގަ މިޔަށް ވުރެ މާ ބޮޑެތިކޮށް ކުޑަ ކުރެވޭ ކަންތައްތަކެއް އެބަ ހުއްޓޭ. އަޅުގަނޑަށް ހީވަނީ ފިނޭންސް މިނިސްޓަރާ ވާހަކަ ދައްކައިގެން އިތުރު ހައްލަކަށް ދާން ވީހެން މީގަ. ދިރާސާއެއް ނުކޮށް ފޮނުވާފަ އޮތް އެއްޗެއް މީ. އެކަށީގެންވާ ވަރަށް ކުޑަ ކުރެވެންޏާތާ އެއްޗަކުން ޚަރަދުކުޑަ ކުރަން ވާނީ", ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން, ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވީ, އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ސަރުކާރަށް ފައިދާ އޮތީ މިވަގުތު މުސާރަތަކަށް ބަދަލު ގެނައުމުގެ ބަދަލުގައި އެކި އެކި މަގާމުތަކުގައި ތިބި ބޭފުޅުންގެ ތެރެއިން ޚަރަދު ކުޑަކުރެވެން ހުރި ދާއިރާތަކުން ދައުލަތުގެ ހިންގުމުގެ ދާއިރާ ކުޑަކުރުމުން ކަމަށެވެ.
"ހުރިހާ އެންމެންގެ މުސާރަތައް ކުޑަކުރަން އުޅެފިއްޔާ ސަރުކާރަށް ލިބޭ ބަދުނާމުވެސް ބޮޑުވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ އެ ނަޒަރިއްޔާތުންވެސް އަޅުގަނޑު މި ދަންނަވާލީ. މީހުންގެ ޚަރަދުތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. ދާއިރު މުސާރައިން އެއްޗެއް އުނިކުރުމުން މާ ގޯސްވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ", ގާސިމް ވިދާޅުވިއެވެ.
ގާސިމް ވެސް ވިދާޅުވީ މުސާރަތަކާ ނުކުޅެ އެ ނޫން ގޮތްގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުން މާ ބުއްދިވެރި ވާނެ ކަމަށެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްވެސް ވަނީ އެކަަމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން, ދައުލަތުގެ ނިޒާމުގެ ތެރޭ ބޭކާރު ބައެއް މުއައްސަސާތައް އެބަހުރި ކަން ފާހަގަކުރައްވައި އެ ތަންތަން އުވައިލުން ރަނގަޅުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އަކީވެސް އެއްކޮށްލެވިދާނެ ދެ ތަން. އަހަރަކު އެބަ ހަރަދު ކުރޭ 18 މިލިއަން ވަރު. މަސައްކަތްތައް މި އޮންނަނީ ޑުޕްލިކޭޓު ވެފަ. ހަމައެގޮތަށް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަކީ ވެސް އެއްކަހަލަ ދެތަން. އޭރަށް ކުރެވޭ ސޭވިންސް މާ ބޮޑު ވާނެ", ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިހާރުވެސް ބޮޑެތި މަގާމުތަކުގައި ބޭފުޅުން ތިއްބެވި ނަމަވެސް އޭގެން ކުރާ މަންފާއެއް ހަގީގަތުގައި ނެތް ކަމަށެވެ.
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވީ އިއްޔެއެވެ.
ބޭންކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ޝަރުއީ ދާއިރާގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
މި ފިޔަވަޅުތަކުގެ ދަށުން ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން %10 އުނިކުރުމަށް މަޖިލީހުން ފެންނަނަމަ އެކަންވެސް ހުށަހަޅައިދެއްވައި އެކަމާމެދު ގޮތެއް ނިންމުމަށް އެދިވަޑައިގެންފައިވެއެވެ އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ 12،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މަގާމްތަކުގެ އަސާސީ މުސާރައިން %10 އުނިކުރުމާ މެދު މަޖިލީހަށް ހުށަހަޅައިދެއްވައި ގޮތެއް ނިންމުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.