ހދ. މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބައިތިއްބާފައި ތިބޭ 200 ބިދޭސީންގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް އެކިފަހަރުމަތިން ބަދުއަޚުލާޤީ ފުރައްސާރަތަކެއް ކުރިމަތިވަމުން އަންނާތީ އެމީހުން މަކުނޫދޫއިން 24 ގަޑިއިރުގެ ތެރޭގައި ފޭބުމަށް އެރަށު ކައުންސިލުން އަންގައިފިއެވެ.
ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކުގެ އިތުރަށް ރައްޔިތުންގެ ބަޔަކު ކައުންސިލް އިދާރާ ދޮށަށް ގޮސް އަޑު އުފުލުމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ވަނީ ރައްޔިތުންނާއި މަޝްވަރާކުރުމަށްފަހު ރޭގެ ވަގުތެއްގައި ބިދޭސީން ބޭލުމަށް 24 ގަޑިއިރުގެ މުއްދަތުދީ ބިދޭސީން ގެންގުޅޭ ކުންފުންޏަށް އެކަން އަންގާފައެވެ.
މިމަހުގެ 16 ވަނަ ދުވަހުވެސް މަކުނުދޫ ކައުންސިލުން ވަނީ ބިދޭސީން ރަށުން ބޭލުމަށް ބިދޭސީން ބަލަހައްޓާ ކުންފުންޏަށް އަންގާފައެވެ. ނަމަވެސް ކައުންސިލުގެ ޢާއްމު ބައްދަލުވުމަކުން އެ ނިންމުން ނިންމުމަށްޓަކައި ވަނީ އެ އެންގުމަށް ޢަމަލުކުރުން މަޑުޖައްސާލާފައެވެ. މީގެ އިތުރުން ބިދޭސީން ރަށުގައި ބޭތިއްބުމާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން ރައްޔިތު ބައްދަލުވުމެއްވެސް އެކަމާ މަޝްވަރާކުރުމަށް ބޭއްވިއެވެ.
މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސައިޓުގައި ތިބޭ ބިދޭސީންނަކީ އެރަށުގެ ކައިރީގައި ހަދަމުންދާ ރިސޯޓެއްގެ މަސައްކަތަށް ގެނައި ބިދޭސީންނެވެ. ބިދޭސީން ރިސޯޓުގައި ކުރަމުންދިޔަ މަސައްކަތް މުޅިން ނިިންމާނުލެވެނީސް ރިސޯޓް ހުޅުވުމުން މަކުނުދޫ ކައުންސިލުގައި އެދިގެން ވަގުތީގޮތުން އެރަށުގައި ބިދޭސީން ބައިތިއްބާފައި ތިބީއެވެ.