Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރާކަށް ނުފެނޭ: ގާސިމް

ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ދެކޮޅު ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ، އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ވިދާޅުވީ މެންބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ގާސިމް ވަނީ މިދިޔަ 19 ވަނަ މަޖިލީހުގައި މެންބަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފައެވެ.

މެންބަރުންގެ އަދަދު މަދުކުރަން ތާއީދު ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ރަށްރަށުން ކަންކަމުގައި ހޮވިވަޑައިގެން މި ތަނަށް ވަޑައިގަންނަވާ ބޭފުޅުން 20،000 ރުފިޔާގެ އެލަވަންސެކޭ ބުންޏަސް 20،000 ރުފިޔާއަކުން އެ ބޭފުޅުންނަށް ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ،" ގާސިމް ވިދާޅުވިއެވެ.

މިހާރު މި އޮތީ މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައަޅަން ޔުނިޓަރީ ދައުލަތެއްގައި އޮންނަންވާނެ އެންމެ ރަނގަޅު ގޮތަށްކަން ފާހަގަކުރައްވާ މެންބަރު ގާސިމް ވިދާޅުވީ ފެޑަރަލް ސިސްޓަމަށް އަމަލުކުރާ ގައުމުތަކުގެ މިސާލު ބައެއް މެންބަރުން ދައްކަވާއިރު އެ ތަންތަނާ ދިވެހިރާއްޖެއާ ވަރަށް ތަފާތުކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް އެހެން އެއްވެސް ގޮތަކަށް ޙައްގު ގޮތެއްގައި އަތަށް ލާރިއެއް ލިބޭނެ މަގެއް ނެތްކަމަށެވެ.

މީގެއިތުރުން އެކަކަށް މެންބަރުކަން ކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރުގައި ކަމަށް ކަނޑައެޅުމާ ވެސް މެންބަރު ގާސިމް ދެކޮޅެވެ. ގާސިމް ވިދާޅުވީ، އެއީ އެއްވެސް ގައުމެއްގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ. ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު މިއީ އޭނާ ޖެހިޖެހިގެން މަޖިލީހުގައި އިންނަވާ ފަސްވަނަ ދައުރެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މިހާރު މުސާރައިގެ ގޮތުގައި ކޮމިޓީ އެލަވަންސާ އެކު 82،500 އެއްހައި ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި، އެ މެންބަރުންނާއި މެންބަރުންގެ އަނބިދަރީންނަށް އާސިޔާންގެ ގައުމުތަކުން ހިލޭ ބޭސް ފަރުވާ ވެސް ކުރެވެއެވެ.

މި ލިއުމާއި ގުޅޭ