ސަރުކާރުގެ ކެބިނެޓުން ނިންމާ ކަންކަން ރައްޔިތުންނަށާއި ނޫސްވެރިންނަށް ފަސޭހައިން ފެންނަން ހުންނާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހުން ނޫސްވެރިން އަދި ރައްުޔިތުންނަށް ދޭ މައުލޫމާތު އިތުރަށް ފުޅާކޮށް، ހާމަކަންބޮޑު ގޮތެއްގައި މައުލޫމާތު ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ކެބިނެޓް ބައްދަލުވުންތަކުން ނިންމާ ނިންމުންތަކާ ގުޅޭގޮތުން ފަސޭހައިން މައުލޫމާތު ލިބޭނެ ނިޒާމެއް ނެތްކަން ފާހަގަކޮށް ހީނާ ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ނިންމުންނަށް އެންމެންނަށް ފެންނަ ގޮތަށް މި ސަރުކާރުން ހަދާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަ ލައިވް ކޮށްލާނަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާ ލިންކު ކުރެވޭ ގޮތަށް، ރައީސް މުއިއްޒުގެ ކެބިނެޓުގެ ކޮންމެ ކެބިނެޓް ބައްދަލުވުމެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް، އެ ނިންމުންތަކާއި ބެހޭ މައުލޫމާތާއި އެކީގަ އެމައުލޫމާތު ލިބޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނި" ހީނާ ވިދާޅުވި އެވެ.
އެއާއެކު، ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތައް ބައިވެރިވާ ގޮތަށް ހިންގާ ހުރިހާ ކަމެއްވެސް އެއްތަނަކުން ފެންނާނެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަސް ނިމޭކޮޅު އެ މަސައްކަތް ކޮށް ނިންމާލެވޭނެ އެވެ.
"ހަގީގަތުގައި މި ހުރިހާ ކަންތައްތަކަކީ ނޫސްވެރިންނަށް ވެސް ފަހިކޮށް އަދި ހަމަ އެހެންމެ ފަސޭހައިން މައުލުމާތު ލިބޭނެ ނިޒާމެއް، އަދި ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރަމުންދާ ކަންތައްތައް ރައްޔިތުންނާއި އަދި ނޫސްވެރިންނަށް ވެސް ގެނެސްދިނުމުގެ ބޭނުމުގައި ކުރަމުންދާ މަސައްކަތްތަކެއް" ހީނާ ވިދާޅުވި އެވެ.