2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާކުރާން މިއަދު ކެބިނެޓުން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ، މިއަދު އޮތް އެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތަޢާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ނިންމަވާފައިވާއިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މިގޮތުން ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގުކުރާ ތާރީހުން ފެށިގެން ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، ނޮވެމްބަރު މަހުން ފެށިގެން ޤާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްގެދިއުމަށް ވަނީ ނިންމާފަ އެވެ.