މިނިސްޓްރީތަކުގެ މައުލޫމާތުތައް ހިއްސާކުރުމަށާއި، ރައްޔިތުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބޭ 'އަހާ' ފޯރަމްގެ ދެވަނަ ބުރު މިރޭ އޮންނާނެ އެވެ.
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ފޯރަމުގެ ދެވަނަ ބުރު އޮންނާނީ މިރޭ 20:30 ގަ އެވެ. އެ ފޯރަމް ދެގަޑިއިރަށް ކުރިއަށްގެންދާނެ އެވެ.
މިރޭގެ ފޯރަމްގައި ސަރުކާރު ކެބިނެޓްގެ ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ،
- - ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން
- - ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން
- - ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
- - ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- - ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
'އަހާ' ގެ ނަމުގައި ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމަވާފައިވާ ފޯރަމެކެވެ.
މިފޯރަމުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ މިފޯރަމުގައި އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.
ކޮންމެ ތިން މަހުން އެއް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.