ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ގޮތަށް ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭންޖެހޭ ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރަނީ އަމިއްލަ އެދުމުގައި ގައުމު ހަލާކުކޮށްލަން އުޅޭ ބަޔަކު ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުން މިއަދު ކުރިއަށްގެންދާ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްފެ އުފެއްދެވި ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި މަޖިލީހުގެ މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ގިނަ މެންބަރުން ވެސް ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ބުނެފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، ވަޒީރުންގެ މައްސަލަ ކޮމިޓީން ބަލައި ދިރާސާކޮށް ނިންމިއިރު، އެބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމާފައި އޮތުމަކީ މަޖިލީހުން ވެސް އެބޭފުޅުންނަށް ރުހުން ދޭންޖެހޭ ސަބަބެއް ކަމަށެވެ.
މީގެ ކުރީ ސަރުކާރުތަކުގައި ވެސް ކެބިނެޓަށް އައްޔަންކުރައްވަން ރައީސް ފޮނުއްވާ ނަތްތަކަށް މަޖިލީހުން ރުހުން ދީފައިވާ ކަމަށާއި، ވަޒީރަކު ގޯހެއް ހެދުމުން މަގާމުން ވަކި ކުރުމަކީ އަދި އެހެން ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބޭފުޅުން [ކޮމިޓީން] ރަނގަޅަށް ބެއްލެވުމަށްފަހުގައި އެއްވެސް ވަޒީރަކަށް ރުހުންދޭން ނުޖެހޭނެ ސަބަބެއް އޮތްކަމަށް ފެނިވަޑައިނުގަތުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެހާ މެންބަރުން ވަޒީރުންނަށް ރުހުން ދޭންޖެހޭނެ ސަބަބެއް،" ގާސިމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ފޮރިން މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި ހައުސިން މިނިސްޓަރު އަދި އެޓާނީ ޖެނެރަލް އަށް ރުހުން ނުދޭން ބައެއް ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރައްވާއިރު، އެބޭފުޅުންނަކީ ތައުލީމީ ގޮތުން ގާބިލް އަދި ގާނޫނުގައި ބުނާ ޝަރުތު ހަމަނުވާ ބައެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީމަ، ހިތަށް އެރިހާ ގޮތަކަށް، ރައްޔިތުން ވަކި ބޭފުޅަކު ވެރިކަމަށް ހޮވާފައި ވަނިކޮށް ތިބޭފުޅުންގެ [އެމްޑީޕީގެ] ސަރުކާރަށް އިތުބާރު ނެތީމައޭ ވަކި ބޭފުޅަކު ހޮވާފަ މިވަނީ، އެހެންވީމަ އެ ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ބޭފުޅަކަށް ރުހުން ނުދިނުމަކީ ގައުމު އިނދަޖައްސާލުމާ، ގައުމު ހަލާކުކޮށްލަން ތިބޭފުޅުން ކުރައްވާ މަސައްކަތް،" ގާސިމް ވިދާޅުވި އެވެ.
ވަކި މިނިސްޓަރަކަށް ރުހުން ނުދޭން އިދިކޮޅު ސިޔާސީ ޕާޓީތަކުން އުޅެނީ އަމިއްލަ އެދުން ކުރިއަށް ނެރުއްވައިގެން ކަމަށާއި، އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.
"ކުރީގެ ސަރުކާރު ކަމުނުދާތީ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްނަމަވެސް ކަމުނުދާތީތާ ރައްޔިތުން އެހެން ގޮތަކަށް ބަދަލުކުރީ، އެހެން ބޭފުޅަކު ރައީސް ކަމަށް ހޮވީ. އެހެންވީމަ މި ހާލަތު ދެނެގަންނަން އެބަޖެހޭ. ގައުމު އިނދަޖައްސާލަން ތިގޮތަށް އުޅުމަކީ ތާކުންތާކުން ޖެހޭކަމެއް ނޫން، އެމްޑީޕީން ކަމުގައިވިޔަސް އަދި ޑިމޮކްރެޓުންނޭ ކިޔައިގެން އުޅުނުކަމުގައި ވިޔަސް،" ގާސިމް ވިދާޅުވި އެވެ.
"ދެން ވެސް އިތުރަށް [ގައުމު] ހަލާކުކޮށްލަން އުޅޭނެ ކަމެއް ނެތޭ ޑިމޮކްރެޓުންނޭ ކިޔައިގެން ބަޔަކު އުފައްދައިގެން މިތަނަށް [މަޖިލީހަށް] ނުކުމެގެން، މުޅިން އަމިއްލަ ގަޔަށް ވަޅި ހަރާ ވައްތަރަށް ކަންތައްތައް ކުރަން އުޅޭނެ ކަމެއް ނެތޭ."
ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަށް ވަފާތެރި ވުމަކީ މިއަދު ވަޒީރުންނަށް ރުހުން ދިނުމެވެ. އަދި ރުހުންދޭ ވަޒީރުން ގޯހެއް ހަދައިފިނަމަ އެބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަންވެސް ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުގެ ނަސޭހަތަކީ، އަޅުގަނޑުގެ އާދޭހަކީ މި ރައްޔިތުންގެ މަޖިލީހުން މިއަދު އެބަޖެހޭ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވަން. އެހެން ނުދީފި ހާލަތެއްގައި އޭގެ މާނައަކީ ރައްޔިތުން ނިންމި ނިންމު ބަލައިނުގަތުން، ކޮޅުފައިން ޖަހާފަ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހޮވެން ކުރިމަތިލައިގެން ދާނެ ކަމެއް ނެތް ޕާޓީތަކަކުންނެއް،" ގާސިމް ވިދާޅުވި އެވެ.