ކޯލިޝަނެއް ނެތަސް، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މި ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލީޑަރު ގާސިމް މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެއިރަކު އޮންނަ ސަރުކާރަކާއެކު ޖޭޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، ކޯލިޝަނެއް އޮތް އަދި ނެތަސް ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"ކޯލިޝަނެއް އޮތަސް ނެތަސް ރައީސަށް ދެންނެވީ ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާ ކޮންމެ ސަރުކާރަކާ އެކު އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑު މަސައްކަތް ކުރާ ނަމޭ. ޖޭޕީން މަސައްކަތް ކުރާނަމޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ އިތުރުން، މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އާއި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުހައްމަދު ނާޒިމްއާ ވެސް ރައީސް މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުންތަކުގެ ތަފްސީލު ރައީސް އޮފީހުން ހާމަނުކުރި ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.