Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ޤާސިމް އިވާއަށް: ކަމަނާއަށް މިޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ޤަރާރު ހުށަހަޅާފައިވާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲއަށް ނުބެލެހެއްޓެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންދުރުފަސް ބްރޭކަށްފަހު ޖަލްސާ އަލުން ފެށުމާއެކު ދަ ޑިމޮކްރެޓްސްގެ މެންބަރުންވަނީ އެ މައްސަލައަކީ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއްކަމަށްވާތީ މިއަދުގެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގައި ވިދާޅުވެ އިހުތިޖާޖުކުރައްވަން ފައްޓަވާފައެވެ. އެ ބޭފުޅުން އަޑުގަދަކުރައްވަނިކޮށް އިވާވަނީ ޖަލްސާ ކުރިއަށްގެންދަވަން ފައްޓަވައި މެންބަރުންނަށް ނިޒާމީ ނުކުތާ ނެންގެވުމަށް ފުރުސަތު ދެއްވާފައެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ނިޒާމީ ނުކުތާއެއް ނަންގަވައި ފާހަގަކުރެއްވީ އެ މައްސަލަ ބޭރުކުރީ މަޖިލީހުގެ ރިޔާސަތުންކަމަށާއި، ރިޔާސަތު މައްސަލައެއް ބޭރުކުރި ގޮތް ނުރަނގަޅުކަމަށް ނިންމަވައި އެ މައްސަލައެއް އަލުން ތާވަލުކުރެއްވުމުގެ އިޚުތިޔާރު މަޖިލީހުގެ އަމީން އާންމަށް ނޯންނާނެ ކަމަށެވެ. އަދި އެފަދައިން އެކަން ކުރައްވާނަމަ، އެއީ މަޖިލީހުގައި ހިނގާ ސިޔާސީ ކަންކަމަށް އަމީން އާންމު ވަދެވަޑައިގަތުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ކުރިއަށްގެންދިއުމަށް ހުރަހެއް ނެތްކަމަށެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ އެ ޖަލްސާގެ ރިޔާސަތުގައި އީވާއަށް އިންނެވޭނެކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން މެންބަރަކަށް ރިޔާސަތު ހަވާލުކުރައްވަން އޭނާ ގޮވައިލެއްވިއެވެ.

ޤާސިމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ އެ ޖަލްސާގެ ރިޔާސަތުގައި އީވާ އިންނެވުމަކީ އެތައް ގޮތަކުން މަސްލަހަތު ފުށުއަރާ ކަމެއްކަމަށާއި، އެހެންކަމުން އެ ޖަލްސާގެ ރިޔާސަތުގައި އޭނާއަށް ނުއިންނެވޭނެ ކަމަށެވެ. އަދި އީވާއާ މުޚާޠަބުކުރައްވައި "ކަމަނާއަށް މިޖަލްސާގެ ރިޔާސަތުގައި ނުއިންނެވޭނެ" ކަމުގައި ޤާސިމް ވިދާޅުވިއެވެ.

އެހުރިހާ ބޭފުޅުންނަށް ރައްދުދެއްވައި އީވާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް އޮންނަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވެވަޑައިނުގަންނަވާ ހާލަތުގައި އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބުރައީސްކަން މަޖިލީހުގެ ޤަވާއިދުންނާއި، މަޖިލީހުގައި ނަޝީދުގެ މައްސަލަ މަޑުޖެހިގެން އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުންވެސް ސާފުވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ